އަފީފުއްދީން ސްކޫލްގެ އިންޓަރ ހައުސް މިނީ ފުޓުބޯޅު މުބާރާތް ފެށިއްޖެ އެވެ.
އަފީފުއްދީން ސްކޫލުގެ 4 ހައުސް ކަމަށްވާ އަމީނީ، މަޖީދީ، ޣާޒީ އަދި ފަރީދީ ހައުސްގެ މެދުގައި އިއްޔެ ފެށި މި މުބާރާތަކީ ގްރޭޑް 4،5،6 ގެ ދަރިވަރުން ބައިވެރިވެގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އެސްކޫލުން މައުލޫމާތު ދެއްވަ އެވެ.
އަފީފުއްދީން ސްކޫލުގެ ސްޕޯޓުސް ސުޕަވައިޒަރ ސަމާހު ވިދާޅުވީ މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރަން ބާއްވާ މުބާރާތެއް ކަމަށާއި އަދި ބޮޑެތި ވަމުން އަންނަ ކުދިން ފުޓުބޯޅައަށް ޝައުގުވެރި ކުރުވުމަކީވެސް މިފަދަ މުބާރާތެއް ބޭއްވުމުގެ އެއް ބޭނުން ކަމަށެވެ.
ޒޯން ސްޓޭޑިއަމުގައި ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ދުވަހަކު 2 މެޗު ކުޅެން ހަމަޖެހިފަވާއިރު އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ މަޖީދީ އަދި ފަރީދީ ހައުސް އެވެ. މި މެޗް ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މަޖީދީ ހައުސްގެ ނަބީހު އަބްދުއްރަޝީދެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޣާޒީހައުސް އަދި އަމީނީ ހައުސް އެވެ. މި މެޗު 0-1 އިން ކާމިޔާބުކުރީ ޣާޒީ ހައުސް އެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ހައުސް ގެ ޝަހުދާން އާދަމް އެވެ.
މި މުބާރާތުގައި މިއަދު ކުޅޭނީ ފަރީދީ ހައުސް އަދި އަމީނީ ހައުސް ބައްދަލު ކުރާ މެޗާއި މަޖީދީހައުސް އަދި ޣާޒީ ހައުސް ބައްދަލުކުރާ މެޗެވެ.
އަފީފުއްދީން ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ މެދުގައި ކުޅޭ މި މުބާރާތް ޝަރަފުވެރި ކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުޅެވޭ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.