އަންނަ މަހުގެ 22 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ،”އެމްބީސީ މަޖިލިސް ބަހުސް” ގެ ކުޅުދުއްފުށީގެ ދެ ދާއިރާގެ ކެނޑިޑޭޓުންގެ ބަހުސް މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެމްބީސީން ނިންމައިފި އެވެ.
ރާއްޖޭގެ ޕަބްލިކް ސާވިސް ބްރޯޑް ކާސްޓަރ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ) އިން އާންމު ކޮއްފައިވާ ބަހުސްގެ ޝެޑިއުލްގައި ވާގޮތުން އަންނަ ބުރާސްފަތި ދުވަހު ފަށާ ބަހުސް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހަތަރު ގަޑިއެއްގައި ޓީވީ މޯލްޑިވްސް އިން ދައްކާނެއެވެ.
އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ބަހުސް މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ބޭއްވުމަށް ހަމަޖައްސާފައި ވާއިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ބަހުސް ޝެޑިއުލް ކޮއްފައި ވަނީ ހަމަ އެދުވަހުގެ މެންދުރު 2:30 އަށެވެ.
މި ގަޑިތަކުގެ އިތުރުން ދެން ބަހުސް ގެނެސްދިނުމަށް ޝެޑިއުލް ކޮއްފައި ވަނީ ހަވީރު 4:00 ގަ އާއި ރޭގަނޑު 9:30 ގައެވެ.
އެމްބީސީން ބުނީ މި ބަހުސަކީ ބައިވެރިވާނެ ފަރާތްތައް ކުރިން އެނގިގެން ބާއްވާ ބަހުސެއް ނޫން ކަމަށާއި އާންމުކޮށް ހުރިހާ ކެނޑިޑޭޓުންނަށް ވެސް ދައުވަތުދީ، ބަހުސް އޮންނާނެ ގަޑިތަށް އެކޯޕަރޭޝަނުން އަންގާނެ ކަމަށެވެ. އެހެންކަމުން ބަހުސްގައި ބައިވެރި ވާނީ ނުވަތަ ނުވާނީ ކޮން ކެޑިޑޭޓުންނެއްކަން ބުނަން ނޭގޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މަޖިލީހަށް އިންތިހާބު ކުރަންޖެހޭ 85 ދާއިރާގެ ބަހުސްތަށް އޮންނާނެ ދުވަހާއި ގަޑި އެމްބީސީން މިހާރު ވަނީ އާންމުކޮއްފައެވެ. އެމްބީސީން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ރިޔާސީކެނޑިޑޭޓުންނާއި ރަނިންގމޭޓުންނަށް ހާއްސަކޮށް ބަހުސްތަކެއް އިންތިޒާމުކޮށް ގެނެސްދީފައެވެ.
އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރި ކެނޑިޑޭޓުންނާއި ރަނިންގމޭޓުންގެ އިތުރުން 2009 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ މެދުގައި ވެސް ޓީވީ މޯލްޑިވްސް އިން އިންތިޒާމު ކޮއްގެން އޭރު ވަނީ ބަހުސް ތަކެއް ބާއްވާފައެވެ.
މި ފަހަރުގެ އިންތިހާބުގައި ކުޅުދުއްފުށީގެ ދެ ދާއިރާއަށް ޖުމްލަ 8 ކެނޑިޑޭޓުން ވާދަކުރެއެވެ.