ކޮންމެ ކަމަކަށް ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ ހައްލެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ޣަފޫރު މިހެން ވިދާޅުވީ ސަރުކާރުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ޓެކްސްތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅިގެން، މާލިއްޔަތު ކޮމިޓީގައި އައިއެމްއެފްގެ ވަފުދާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންވެ. ޣަފޫރު ވިދާޅުވީ ހިސާބުތަކުން ދައްކާގޮތުން މީރާއަށް ލިބެންޖެހޭ 1 ބިލިޔަން ޑޮލަރު އެބަހުރި ކަމަށާއި މިފައިސާ ގަވައިދުން ލިބޭނަމަ ޓެކްސްތަކަށް ބަދަލު ނުގެނަޔަސް ބަޖެޓުގެ މައްސަލަތަކަށް ހައްލު ގެނެވޭނެ އެވެ.
މާލިއްޔަތު ކޮމިޓީގައި ޣަފޫރު ވާހަކަދައްކަވަމުން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުން އަހަރަކު 3 ބިލިއަން ޑޮލަރު ރާއްޖޭގައި ދައުރުވާންޖެހޭ ކަމަށާއި ނަމަވެސް ދައުރުވަމުން އަންނަނީ އެންމެ 1.5 ބިލިއަން ޑޮލަރު ކަމަށެވެ. އަދި މާލީ އިދާރާތަކުން މި މައްސަލައަށް ހައްލެއް ހޯއްދެވުމަށް ކަންކަން ހުށަނާޅާތީ މެންބަރު ޣަފޫރު ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މިގޮތުން ރާއްޖޭގެ މަނިޓަރީ ޕޮލިސީ އިސްލާހުކުރެއްވުމަށް ޣަފޫރު ގޮވާލެއްވި އެވެ.
ދައުލަތުގެ ބަޖެޓުގެ ބޮޑުކަން މާލީ އިދާރާތަކުން މައްސަލައެއް ކަމުގައި ދެކި އެވާހަކަތައް ދައްކާއިރު ރާއްޖޭގެ އެތައް ރަށެއްގެ ބަނދަރާއި ސާފު ބޯފެން އަދި ނަރުދަމާގެ ނިޒާމް އަދިވެސް ލިބޭނެ އިންތިޒާމު ނުވެ ހުރި ވާހަކަ އެއިދާރާތަކުން ނުދައްކާ ކަން ޣަފޫރު ފާހަގަ ކުރެއްވި އެވެ. އަދިވެސް އޭނާ ވިދާޅުވީ މިފަދަ އަސާސީ ހައްގުތަކެއް ނުލިބުމަކީ ރައްޔިތުންނަށް އެތައް ދަތި އުދަގޫ ތަކެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަތަކަށް ހައްލެއް ގެނައުމަށް ދިގުމުއްދަތުގެ ލޯނު ބޭނުންވެފައިވާއިރު ރާއްޖޭގައި އިންވެސްޓްމެންޓް ބޭންކެއް ނެތް ކަމަކީވެސް އޭނާ ކަންބޮޑުވާކަމެއް ކަމަށް ޣަފޫރު ހާމަ ކުރައްވަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން ގެންދާ ޓެކްސް 12 އިންސައްތައަށް ނުވަތަ އެއަށްވުރެ ބޮޑުކުރުމަކީ މައްސަލައެއް ނޫން ކަމަށް އައިއެމްއެފްގެ ވަފުދުގެ ވެރިޔާ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.