ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކުޅުދުއްފުށީގައި އަޅަން ނިންމާފައިވާ ފުޓްސަލް ދަނޑު ހެދުމުގެ އަމަލީ މަސައްކަތް އަންނަ މާޗު މަހުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިން” އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ ނާޒިމް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފްގެ ހާއްސަ ޓީމެއް ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ކުޅުދުއްފުށީގައި އެޅަން ނިންމާފައިވާ ފުޓްސަލް ދަނޑު ހަދާނެ ބިމާ ބެހޭގޮތުން އެ ޓީމު ކުޅުދުއްފުށީ ކައުންސިލާ މަޝްވަރާކުރާނެ ކަމަށެވެ.
އަދި އަންނަ މާޗު މަހުގެ ތެރޭގައި ދަނޑުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
“ޔުނިޓީ ތްރޫ ފުޓްސަލް” ޕްރޮގްރާމުގެ ދަށުން ވިލިމާލޭގައި ހެދި ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކުގައި ފުޓްސަލް ދަނޑެއް ހައްދަވައިދެއްވާނެ ކަމަށެވެ.
“ޔުނިޓީ ތްރޫ ފުޓްސަލް” ޕްރޮގްރާމުގެ ދަށުން ހަދާ ފުޓްސަލް ދަނޑުތައް ހަދަނީ ޑިފެންސް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި ސިފައިންނާއި އެސްޓީއޯ އަދި އެފްއޭއެމް ގުޅިގެންނެވެ.
ކުޅުދުއްފުއްޓަކީ ފުޓްސަލް މުބާރާތްތައް ވަރަށް ގިނައިން ބާއްވަމުން އަންނަ ރަށެކެވެ. އެގޮތުން ޒިގްޒެގް އޮފީސް ފުޓްސަލް މުބާރާތަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ.