އަނިޔާ ލިބެމުންދާ އަންހެނުން ވަގުތީ ގޮތުން ބޭތިބުމަށް ހާއްސަ ކުރެއްވިގެން ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ “އަމާން ހިޔާ” މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑާ ޑރ. މަރްޔަމް ޝަކީލާ މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
ސޭފް ހޯމް ނުވަތަ “އަމާން ހިޔާ” މިނިސްޓަރ ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ އަންހެނުނަން ކުރާ އަނިޔާއާ ދެކޮޅަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ގާއިމު ކުރެވޭ ހިދުމަތެއް ކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިހިދުމަތް ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭއަށް ފުޅާ ކުރައްވާނެ ކަމަށާއި ކުރިއަށް ހަފްތާއެއްގެ ތެރޭގައި މީގެ ފަސްވަނަ ތަން ވެސް ހުޅުވިގެންދާނެ ކަމަށެވެ.
“އަޅުގަނޑު ވަރަށް އުފަލާ އެކު ދަންނަވަން ހުސްއެކަނި 4 ތަނެއްގައި ނޫން މިހިދުމަތް ފަށާނީ ކީ އެއް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މުޅި ރާއްޖޭގެ ހުރިހާ ދިމާލެއްގައި މި ހިދުމަތް ފުޅާ ކުރާނަން. އަދި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަސްވަނަ ތަންވެސް ހުޅުވިގެންދާނެ” މިނިސްޓަރ ޝަކީލާ ވިދާޅުވި އެވެ.
އަންހެނުންނަން ކުރާ ތަފާތު އަނިޔާތަކަށް އަލިއަޅުވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަކީލާ ވިދާޅުވީ ކައިވެނި ކޮށްގެން އުޅޭއިރު ކުރާ އަނިޔާއާ ވަރިކޮށްފަ ތިބޭއިރު ކުރާ އަނިޔާ އަދިވެސް އެނޫންވެސް ހާލަތެއްގައި އަންހެނުން ނިކަމެތި ވެގެންދާއިރު އެ އަންހެނުންނަން ވަގުތީ ރައްކާތެރިކަން ފޯރު ކޮށްދިނުމަކީ ސޭފް ހޯމްގެ ބޭނުން ކަމަށެވެ.
މިއަދު ހުޅުވިގެން ދިޔަ ސޭފް ހޯމުން ވަގުތީ ރައްކާތެރިކަން ލިބޭ ފަރާތަކަށް ތަފާތު ހިދުމަތް ލިބެން ހުރެއެވެ. އެގޮތުން އެކޯ ސޯޝަލް ސަޕޯޓާއި، ކުރިމަތިވެފައިވާ މަސައްލަތަކަށް ހައްލު ހޯދައި ދިނުމުގެ އިތުރުން، އަމިއްލަ ފައި މައްޗަށް ތެދުވެ މަސައްކަތް ކުރުމަށް ބާރު އަޅާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އާއި ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަދި އަންހެނުން ކޮމެޓީގެ މެމްބަރުންގެ އިތުރުން ކުޅުދުއްފުށީގެ ސަރުކާރުގެ އޮފީސްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
އަމާން ހިޔާގެ ނަމުގައި މިއަދު ރަސްމީކޮށް ހުޅުވުނު އިމާރާތަކީ 2008 ވަނަ އަހަރުން ފެށިގެ ހިދުމަތް ދެމުން އަންނަ ތަނެކެވެ.