twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގެ ބައެއް ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަ ކޮށްފި

Feb 20, 2014

ކުޅުދުއްފުށީގެ ބައެއް ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކޮށްފި އެވެ.

އެގޮތުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުރިހާ ދަރިވަރުން ސްކޫލަށް ގޮސްފައިވަނީ ސަގާފީ ހެދުމުގަ އެވެ. އަދި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލުގެ ހުރިހާ ގްރޭޑް ތަކެއްގެ ދަރިވަރުން ވަނީ ދުވަހާ ގުޅޭ ގޮތުން އައިޓަމްތަކެއް ހުށަހަޅާ ދީފަ އެވެ. މިގޮތުން ރައިވަރާއި، ބަނދި، ކާ ފަދަ ތަކެތީގެ އައިޓަމްތައް ސްކޫލު ހޯލުގައި ކުރިއަށް ގެންގޮސްފައި ވެ އެވެ.

މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި އަމީރު އަމީން ސްކޫލުގައި ޓީޗަރުންނާއި އެހެނިހެން މުވައްޒަފުން އަދި އެލްކޭޖީ ޔޫކޭޖީގެ ދަރިވަރުން ބައިވެރިވެގެން ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީގައި ސަގާފީ ހަރަކާތްތައް ދިރުވާ އާލާކުރަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު ހުސައިން (މަރުހަބާ) އެވެ. މި ރަސްމިޔާތުގައި ޔޫކޭޖީގެ ދަރިވަރުންނާއި ސްކޫލު ޓީޗަރުންގެ ރައިވަރު، ޅެން، ބަނދި އަދި ކާ ފަދަ އައިޓަމްތައް ވެސް ހުށަހަޅާދީފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.

މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުން ބަހަށް އަހުލުވެރި ކުރުވުމާއި ދިވެހި ބަހުގެ ތެރޭގައި އުވެމުން ނެތެމުންދާ ބައިތައް ދިރުވާ އާލާކުރުން ކަމަށް މި ދެ ސްކޫލުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355