ފުލުހުންގެ ހިދުމަތް ގާއިމްކޮށް ހއ. ކެލާ އަދި ބާރަށު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި އެވެ.
މިގޮތުން އިއްޔެ މިދެރަށުގައި ބޭއްވި ރަސްމިއްޔާތު ތަކުގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އޮނަރަބަލް އުމަރު ނަސީރާއި ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް އަޙްމަދު ސައުދީ އެވެ. އަދި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ވެސް ނަންގަވާ ދެއްވީ އެދެ ބޭފުޅުންނެވެ.
ކެލާގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތް އެރަށުގައި ގާއިމްކުރުމަށް ކައުންސިލް މެންބަރުންނާއި ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތަށް ޝުކުރު ދެންނެވި އެވެ. އަދި ރަށުގެ މާހައުލަކީ އަމާން ތަނެއްގެ ގޮތުގައި ހެދުމަށް މިކުރެވޭ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ކައުންސިލު މެންބަރުންނާއި ރަށުގެ ރައްޔިތުންގެ ކިބައިން އެދިލެއްވި އެވެ.
މީގެ އިތުރުން ބާރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އުމަރު ނަސީރު އެދިލެއްވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ރަށުގެ ރައްޔިތުންނާއި ކައުންސިލުން ފުލުހުންނާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ދެއްކެވި ވާހަކަފުޅުގައި ފުލުހުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުންނަށް އިޝާރަތް ކުރައްވާ އެބޭފުޅުންނަކީ ވަކި އަތަކަށް ނުޖެހި ގާނޫނާއި ގަވާއިދަށް އިންސާފުވެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް ގޮވާލެއްވި އެވެ. އަދި އެ މުއައްސަސާ ކަރާމާތާއި ސިއްރުތައް ދަމަހައްޓާ ބަޔަކަށް ފުލުހުން ވުމަށް ވެސް އެދިލެއްވި އެވެ.
މި ދެ ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކޮންމެ ރަށެއްގައި އެރަށެއްގެ ކައުންސިލު މެންބަރުންނާއި ރަށުގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވި އެވެ.