ޕިލިޕީންސްގެ މެނީލާގެ ސްކޫލެއްގެ ތެރޭގައި ބަދުއަހުލާގީ ވެބްސައިޓެއް ހިންގި ބަޔަކު އަތުލައިގަނެފި އެވެ.
މެނީލާގެ މައުންޓަން ޓޮޕް އެކަޑެމީގެ ތެރޭގައި ހުރި ކުއްޔަށްދޭ ބަޔެއްގައި އުޅުނު އެމެރިކާގެ މީހަކާ ޕިލިޕީންސްގެ ބަޔަކު ގުޅިގެން ހިންގި “ޗައިލްޑް ޕޯން” ވެބްސައިޓް ހުއްޓުވާ އެކަމުގައި އުޅުނު 8 މީހަކު ފުލުހުން ހައްޔަރު ކުރިއިރު، އެކަން ހިންގި ސްކޫލުގެ ރައީސް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ޕިލިޕީންސްގެ ނެޝެނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ސައިބާރ ކްރައިމް އިންވެސްޓިގޭޝަން ހެޑް ރޯނާލްޑް އަގުޓޯ މީޑިއާގައި ވިދާޅުވީ މި ވެބްސައިޓް ހިންގިކަމަށް ތުހުމަތު ކުރެވޭ ފަރާތް ތަކުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފޮޓޯއާއި ވީޑިއޯ އިންޓަނެޓްގައި އެސްކޫލުގެ ކޮމްޕިއުޓަރު ލެބްތައް ވަނީ ބޭނުންކޮށްފަ އެވެ. ނަމަވެސް އެ ސްކޫލުގައި ކިޔަވާ އެއްވެސް ކުއްޖަކެއްގެ ވީޑިއޯ ކޮށްފައިވާކަން އަދި އެނގިފައި ނުވާ ކަމަށާއި، އަޕްލޯޑް ކުރަމުން ގޮސްފައިވަނީ ކުރިން ރިކޯޑް ކުރެވިފައި ހުރި މަންޒަރުތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސްކޫލަކީ 2006 ގައި ލައިސަންސް ކެންސަލް ކުރެވިފައި ވީ ސްކޫލެއް ނަމަވެސް ސްކޫލުގައި މިހާރުވެސް 2000 އަށް ވުރެ ގިނަ އެލެމެންޓްރީ އަދި ހައިސްކޫލް ކުދިން އުޅޭ ކަމަށެވެ.
މިހާތަނަށް އަދި ފޮރެންސިކު އިންވެސްޓިގޭޝަނެއް ހިންގިފައި ނުވިނަމަވެސް މިހާރު ހެކީގެ ގޮތުގައި ހުރި މައުލޫމާތުންނާއި ކޮމްޕިއުޓަރު ތަކުން މިމީހުންގެ މައްޗަށް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބަދުއަހުލާގީ އަމަލުތައް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ އާންމު ކުރުމުގެ ކުށުގައި އަދަބު ދެވޭނެ އެވެ.
މިފަދަ އެހެން އޮޕަރޭޝަނެއްގައި މިދިޔަ ހަފްތާގައި ވެސް މެނީލާގައި ވަނީ 22 މީހުން ހައްޔަރު ކޮށްފަ އެވެ. އަދި 40 އަށް ވުރެ ގިނަ ކޮމްޕިއުޓަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ނެޝަނަލް ޕޮލިސް އެންޓި ސައިބާރ ކްރައިމް ގުރޫޕުގެ ޑައިރެކްޓަރ ގިލްބާރޓް ސޯސާ ވިދާޅުވީ މިދިޔަ މަހު ކުޑަކުދިން ގެ ބަދުއަހުލާގީ ފޮޓޯއާއި ވީޑިއޯ ނެގުމުގެ މައްސަލަތަށް އެންމެ ބޮޑަށް ފެންނަ 10 ގައުމުގެ ތެރޭގައި ޕިލިޕީންސް ހިމެނުނު ކަމަށެވެ. އަދި މިމައްސަލަ ހައްލު ކުރުމަށް ފުލުހުން އެހެން ގައުމުތަކަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާ ކަމަށެވެ. — އަރަބް ނިއުސް —