ލާމަރުކަޒީ ގާނޫނުގައި ކޮންމެ ކައުންސިލަކުންވެސް ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅަން ބުނެފައިވީ ނަމަވެސް ހދ އަތޮޅުގެ އެއްވެސް ކައުންސިލަކުން އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ޕްލޭނިންގް އެންޑް މޮނިޓަރިންގް ޝައްމޫން އާދަމް ވިދާޅުވީ 2013 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުމެގެ މުއްދަތު ހަމަވިއިރު އެ ރިޕޯޓު ހުށަހަޅާފައިވަނީ އެންމެ އަތޮޅު ކައުންސިލަކާއި އެއް ސިޓީ ކައުންސިލުގެ އިތުރުން 12 ރަށު ކައުންސިލުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ 109 މާއްދާގައިވަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ފާއިތުވެދިޔަ އަހަރު އަތޮޅު އަދި ސިޓީ ކައުންސިލްތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ހުށަހަޅަންވާނެ ކަމަށާއި އަދި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަށު ކައުންސިލްތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް ހުށަހަޅަންވާނެ ކަމަށެވެ.
ހދ އަތޮޅު ކައުންސިލުގެ އިތުރުން ހދ އަތޮޅުގެ އެއްވެސް ރަށަކުން އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާއިރު އަދި ހއ. އަތޮޅުން އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ ހަމައެކަނި މާރަންދޫ ކައުންސިލުން އެކަންޏެވެ. ށ އަތޮޅުގެ އަތޮޅު ކައުންސިލާއި އެ އަތޮޅުގެ މިލަންދޫ، ފޭދޫ، ބިލެތްފަހި އަދި ކަނޑިތީމުން މިދިޔަ އަހަރުގެ ރިޕޯޓު ހުށަހަޅާފައިވާއިރު އެ އަތޮޅުގެ އިތުރު ރަށަކުން އެރިޕޯޓު ހުށަހަޅާފައެއް ނުވެއެވެ.
އެލްޖީއޭ އިން މައުލޫމާތު ދޭ ގޮތުގައި އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ ރަށްތަކުގެ ތެރޭގައި ރ. އަތޮޅުން މާކުރަތާއި ވާދޫ ކައުންސިލެވެ. އަދި ބ. އަތޮޅުން އެރިޕޯޓު ހުށަހަޅާފައިވަނީ މާޅޮހު ކައުންސިލުން އެކަންޏެވެ. އަދި ޅ. އަތޮޅުން ނައިފަރު ކައުންސިލުން އަހަރީ ރިޕޯޓް ފޮނުވާފައިވާއިރު ލ. އަތޮޅުން އަހަރީ ރިޕޯޓު ފޮނުވީ ހިތާދޫ ކައުންސިލުންނެވެ. ހުވަދު އަތޮޅުން ގދ. ތިނަދޫ އާއި މަޑަވެލިން އަހަރީ ރިޕޯޓް ފޮނުވާފައިވާއިރު އެހެން އެއްވެސް ކައުންސިލަކުން އަހަރީ ރިޕޯޓް ފޮނުވާފައި ނުވާ ކަމަށް އެލްޖީއޭ އިން ހާމަކުރެ އެވެ. މާލޭ ސިޓީ ކައުންސިލުން ވެސް ރިޕޯޓު ހުށަހަޅާފައި ވެއެވެ.
ކައުންސިލްތަކުން އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާއިރު އަހަރަކު އެއްފަހަރު އާންމުންނަށް ބާއްވާ ޖަލްސާވެސް ރަނގަޅަށް ބޭއްވިފައެއް ނުވެއެވެ. ކައުންސިލްތަކުގެ ހަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރާއިރު ކައުންސިލްތަކުގެ ހަގީގީ ބޭނުން ހިފެމުން ނުދާކަމަށާއި މިހާރު އޮތް ލޯކަލް ގަވަރމެންޓްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެލްޖީއޭއިން ވެސް އަންނަނީ ބުނަމުންނެވެ.