ތްރީ ޑީ ޕްރިންޓިންއަކީ ފަހަކަށް އައިސް ކުރި އާއީޖާދުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް އީޖާދެވެ. 3 ޑީ ޕްރިންޓިން ބޭނުންކޮށް ތަފާތު އެކި ބޭނުންތަކުގައި ބޭނުންކުރާ ތަކެތި ހެދެއެވެ. އަދި ތަކެތި އުފެއްދުމުގެ ސިނާއަތްތަކަށް ބޮޑު އިންގިލާބެއް 3 ޑީ ޕްރިންޓަރުތައް ގެންނާނެ ކަމަށް މީހުން ދިޔައީ ބުނަމުންނެވެ. މިއަދު މިއޮތީ އެފަދަ ހަބަރެކެވެ.
24 ގަޑިއިރު ތެރޭގައި ގެއެއް އަޅާލެވޭ ވަރުގެ ބޮޑު ޕްރިންޓަރެއް ކެލިފޯނިއާގެ ސައިންޓިސްޓުންތަކެއް މިހާރު ވަނީ އުފައްދާފަ އެވެ.
3 ޑީ ޕްރިންޓުކުރުން އައު އުސްމިންތަކަކަށް ގެންގޮސްދީފައިވާ މި ޕްރިންޓަރަކީ ކޮންކުރީޓު ބޭނުން ކޮށްގެން ގެ އަޅައިދޭ ވަސީލަތެކެވެ. ‘ކޮންޓޯ ކްރާފްޓިންގް’ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގެ އެޅުމަށް ބޭނުންކުރާ މި ޕްރިންޓަރު މިހާރުވަނީ ނާސާ އަދި ހޯލް އޮފް ފޭމްގެ ސަމާލުކަން ހޯދާފަ އެވެ.
މި ޕްރިންޓަރުގެ ސަބަބުން ގެދޮރު ބިނާކުރުމުގެ އަގު ވަރަށް ބޮޑުތަން ހެޔޮ ވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މީގެ އިތުރުން ސުނާމީ އާއި ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކުގައި ހަލާކުވާ ގެތައް މަރާމާތު ކުރުމަށް ވެސް މި ޕްރިންޓަރު ވަރަށް ބޭނުންތެރިވާނެ އެވެ. އަދި ހަނދާއި މާރސް ފަދަ އިންސާނުންނަށް ދިޔުން ދަތި ތަންތަނުގައި ގެއާއި އެހެނިހެން އިމާރާތްތައް އެޅުމަށް މުސްތަގުބަލުގައި މިފަދަ ޕްރިންޓަރު ބޭނުން ކުރެވިދާނެ ކަމަށް މި އުފެއްދުން ދުނިޔެއަށް ގެނެސްދިން ރިސާރޗަރުން ބުނެ އެވެ.
މި ޕްރިންޓަރު ބޭނުންކޮށްގެން ގެއެއް އެޅުމަށްޓަކައި ފުރަތަމަ ގެ އަޅާނެ ތަން ތައްޔާރު ކުރަން ޖެހެ އެވެ. އެގޮތުން އެތަނުގެ ބިންގަނޑު އެއްވަރުކޮށް ތަނުގެ ވަށައިގެން ވަޅުގަނޑެއް ކޮންނަން ޖެހެއެވެ. މި ވަޅުގަނޑުގެ ބޭނުމަކީ ކޮންކްރީޓް އަޅައި ފައުންޑޭޝަންގެ ވަށައިގެން ރެއިލް ތަކެއް އެޅުމެވެ. ގެ ހެދުމަށް ބޭނުންވާ ސާމާނު ޕްރިންޓަރަށް އެޅުމުން ކުރޭނުގެ އެހީގައި މަތިކޮށް ތިރިކޮށް ހެދެ އެވެ.
މި ޓެކުނޮލޮޖީގެ ސަބަބުން 3ޑީ ޕްރިންޓަރު ބޭނުންކޮށްގެން ގިނަ ބުރިބުރިއަށް ގެތައް މުސްތަގުބަލުގައި ހެދޭނެ ކަމަށް ޔުނިވާރސިޓީ އޮފް އިންޑަސްޓްރިއަލް އެންޑް ސިސްޓަމްސް އިންޖިނިއަރިންގގެ ޕުރޮފެސަރަކު ވިދާޅުވި އެވެ.
މިފަދަ ޕުރޮޖެކްޓުތަކަކީ އިންސާނުން ކުރިއަރާ ގޮސްފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ.