ކުޅުދުއްފުށީގެ ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވައުދުވެވަޑައިގެންފި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްބީސީ މަޖިލިސް ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަދި މިހާރުވެސް އެދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބްދުލް ގަފޫރު މޫސާ ވިދާޅުވީ ކުޅުދުއްފުށީގައި ވަޒީފާގެ ފުރުސަތު ނުލިބިފައި ތިބި ތިންހާހެހްހާ ޒުވާނުން ތިބިކަމަށާއި އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުން “ކޮޅަށް ތިބުމަށް” އާމްދަނީ ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވެ ގެސްޓް ހައުސްގެ ވިޔަފާރި އަކީ ފުޅާ ދާއިރާއެއްގައި ކުޅުދުއްފުށީގައި ކުރެވޭނެ މަސައްކަތެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަލަށް އުފައްދާނޭ ގާނޫނުތަކާއި އިސްލާހުކުރާނޭ ގާނޫނުތަކާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ގަފޫރު ވިދާޅުވީ މިހާރުވެސް ބިންވެރިކުރުމާއި ބިމާ ބެހޭ ގާނޫނެއް ހުށަހަޅާފައިވާ ކަމަށެވެ. މިގާނޫނުގެ ސަބަބުން ބިން މޯގޭޖުކޮށް ބިމުގެ ‘ވެލިއު’ އިންނަ ގޮތުން ބޭންކުން ލޯނު ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނޭ ކަމަށް އޭނާ ހާމަ ކުރެއްވި އެވެ.
އިތުރު ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ޕެންސަން ގާނޫނުގެ ދަށުން މިހާރު ނަގާ 7 ޕަސެންޓް 3 ޕަސެންޓަށް ބަދަލުކޮށް އަދި މިހާރަށްވުރެ އަވަހަށް ޕެންސަންގެ ފައިސާ ލިބޭނެ އުސޫލުތަކެއް އެކަށައަޅައި ރައްޔިތުންނާ ގުޅިގެން މަސަައްކަތްކުރައްވާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ސިއްހީ ހާލަތު މިހާރު ގަބޫލުކުރެވޭ ވަރަށްވުރެ ދަށް ކަމަށާއި މަތީ ތައުލީމުގެ ފުރުސަތުތައް ދާއިރާއަށް ހޯދައިދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ. މީގެ އިތުރުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މަޖިލީހުގައި އެންމެ އަގުބޮޑު ޕްރޮޖެކްޓުތަކެއް ކުރެވިފައިވަނީ ކުޅުދުއްފުށްޓަށް ކަމަށާއި ވަކި ދާއިރާއެއްގެ ގޮތުން އެންމެ ބޮޑަށް އުފުލާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އަޑު ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑު ލައިފައިވާ ވޯޓެއްގެ ސަބަބުން އަޅުގަނޑު ދާއިރާގެ އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލިފައެއް ނޯންނާނެ.” ގަފޫރު ވިދާޅުވި އެވެ.