twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނަސްރު 14 ބިލެއް ހުށަހަޅާނެ ކަމަށް ވިދާޅުވިއިރު އިރު ރޯޒޭ ވިސްނުން ސިއްހީ ދާއިރާއަށް އަދި ފަރުހޫދަށް ގޮނޑި ލިބިއްޖެނަމަ ޕީޕީއެމްއަށް!

Feb 26, 2014

ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންނަށް އޮތް ބަހުސް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ބަހުސްގައި ކެންޑިޑޭޓުން ވަނީ ދާއިރާއަށް ކޮށްދޭނެ ކަންތައްތަކާއި މަޖިލީހުގެ ތެރެއިން ކުރެވޭނެ ކަންތައްތަކަށް ބަލައިލާ ތަފާތު ގިނަ ވައުދުތަކެއް ވެފައެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ވައުދަށް ވެފައިވަނީ އެ ދާއިރާއަށް ވާދަކުރައްވާ އަދި މިހާރުގެ ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލް ވެލެއްވި ވައުދެވެ. އޭނާ ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނާ ސީދާ ގުޅުން ހުރި 14 ބިލެއް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ތެރެއިން އެ 14 ބިލް ފާސް ކުރައްވާނެ ކަމަށެވެ.

ނަސްރުﷲ ވިދާޅުވީ މެޑިކަލް ނެގްލިޖެންސް ޑޮކްޓޯރިއަލް ޕްރިވިލެޖް ޕޭޝަންޓް ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އޭގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ އަހަރަކު 3 ފަހަރު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ. މީގެ އިތުރުން އިންވެސްޓުމެންޓް ބޭންކެއް ގެނެސް ބޭންކު ރެގިއުލޭޓް ކުރެވޭނެ ގާނޫނުތައް ތައާރަފް ކުރައްވާނެ ކަމަށް ވެސް ނަސްރު ވިދާޅުވި އެވެ.

ނަސްރުﷲ އިސްމާއިލް ވިދާޅުވީ ބިމުން ލިބޭ ހުރިހާ މަންފާއެއް ސީދާ ރައްޔިތު މީހާއަށް ލިބިގެންދާނެ ގޮތަށް ބިމާބެހޭ ގާނޫނު އިސްލާހު ކުރައްވާނެ ކަމަށެވެ. އަދި 5 އަހަރު ތެރޭގައި އެއްވެސް ސިޔާސީ ޕާޓީ އަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ނަސްރު ވިދާޅުވި އެވެ.

އުތުރު ދާއިރާއަށް ކުރިމަތި ލައްވާފައިވާ، އަދި މިހާރުވެސް އެގޮނޑި ފުރުއްވަމުން ގެންދަވާ ކުޅުދުއްފުށީ އުތުރު މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ ކުޅުދުއްފުށީގައި ވަޒީފާގެ ފުރުސަތު ނުލިބިފައި ތިބި 3000 އެއްހާ ޒުވާނުން ތިބިކަމަށާއި އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުން “ކޮޅަށް ތިބުމަށް” އާމްދަނީ ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވެ ގެސްޓް ހައުސްގެ ވިޔަފާރި އަކީ ފުޅާ ދާއިރާއެއްގައި ކުޅުދުއްފުށީގައި ކުރެވޭނެ މަސައްކަތެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަލަށް އުފައްދާނޭ ގާނޫނުތަކާއި އިސްލާހުކުރާނޭ ގާނޫނުތަކާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ގަފޫރު ވިދާޅުވީ މިހާރުވެސް ބިންވެރިކުރުމާއި ބިމާ ބެހޭ ގާނޫނެއް ހުށަހަޅާފައިވާ ކަމަށެވެ. މިގާނޫނުގެ ސަބަބުން ބިން މޯގޭޖުކޮށް ބިމުގެ “ވެލިއ” އިންނަ ގޮތުން ބޭންކުން ލޯނު ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނޭ ކަމަށް އޭނާ ހާމަ ކުރެއްވި އެވެ.

ކުޅުދުއްފުށީގެ ސިއްހީ ހާލަތު މިހާރު ގަބޫލުކުރެވޭ ވަރަށްވުރެ ދަށް ކަމަށާއި މަތީ ތައުލީމުގެ ފުރުސަތުތައް ދާއިރާއަށް ހޯދައިދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ. މީގެ އިތުރުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މަޖިލީހުގައި އެންމެ އަގުބޮޑު ޕްރޮޖެކްޓުތަކެއް ކުރެވިފައިވަނީ ކުޅުދުއްފުށްޓަށް ކަމަށާއި ވަކި ދާއިރާއެއްގެ ގޮތުން އެންމެ ބޮޑަށް އުފުލާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އަޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މިބަހުސްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ ދާއިރާގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅު ކޮށްދިނުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ސިއްހީ ދާއިރާގެ ފެންވަރު ބަޔާން ކުރާނެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރޯޒޭ ވިދާޅުވީ ކައުންސިލުތަކަށް ފައިސާ ލިބޭނޭހެން ލާމަރުކަޒީ ގާނޫނަން އިސްލާހެއް ހުށަހަޅުއްވާނެ ކަމަށާއި އޭގެ ސަބަބުން ކައުންސިލުންތައް އެކަނި ހިނގައިގަނެވިގެން ދާނެ ކަމަށެވެ. ތައުލީމީ ދާއިރާ އަކީ ވެސް މުހިއްމު ދާއިރާއެއް ކަމަށާއި އެދާއިރާ ހަރުދަނާ ކުރެވޭނީ އެދާއިރާ އިން މަސައްކަތް ކޮށްފައިވާ މީހަކަށް ކަމަށް ތައުލީމީ ދާއިރާ އިން ފުރަތަމަ ޑިގުރީ ހާސިލު ކޮށްފައިވާ އަހުމަދު އަބުދު ﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ 5 އަހަރު ވެސް ނިމިގެންދާނީ މިނިވަން ބޭފުޅެއް ގޮތުގަ ކަމަށެވެ.

ދައުލަތަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރުމަށް ފަހު ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތި ލައްވާފައިވާ އިބްރާހިމް ފަރުހޫދު ވިދާޅުވީ ހިދުމަތް ދިނުމާއި ހިދުމަތް ލިބިގަތުމުގެ ހައްގުގެ ބިލެއް މަޖިލީހަށް ވައްދާނެ ކަމަށެވެ. ބައެއް ކަންކަމަށް މިސާލު ޖައްސަވަމުން ފަރުހޫދު ވިދާޅުވީ ކަރަންޓު ކެނޑިއްޖެނަމަ ގޭގައި ހުންނަ ހުރިހާ އިލެކްޓޯނިކު ސާމާނުތައް ހަލަކުވާ ކަމަށާއި އެކަމަކު އެކަމަށް ޒިންމާވާނެ ފަރާތެއް ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެބިލުގެ ސަބަބުން ހިދުމަތް ދޭފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތް ޒިންމާ ދާރު ކުރެވޭނެ ކަމަށެވެ.

ފަރުހޫދު ވިދާޅުވީ އޭނާ އެ ގޮނޑިއަށް ހޮއްވަވައި ދެއްވައިފިނަމަ ޕީޕީއެމްގެ ސަރުކާރަށް އޭނާގެ ގޮނޑި ހިބަ ކުރައްވާނެ ކަމަށެވެ. އަދި ގޮނޑި ފައިސާއަށް ވިއްކާ ނުލައްވާނެ ކަމަށް ވެސް ފަރުހޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓުގެ ވައުދަކީ އޭނާ އެރުވި ހިޔާލެއް ކަމަށެވެ. ފަރުހޫދު އިތުރަށް ވިދާޅުވީ އާދަކާދަ ރައްކާތެރިކުރާނެ ބިލެއް ވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355