އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުޅުދުއްފުށީގައި ބާއްވައިފި އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ އާންމު ރައްޔިތުން ގާނޫނުތަކާއި ގަވާއިދުތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ފުލުހުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާރޖް ސްޓާފް ސާރޖަންޓް މުހައްމަދު ހަސަން އެވެ.
ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް މިފަދަ ޕްރޮގްރާމުތަކެއް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ކުޅުދުއްފުށީގައި މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސިފައިންނަށާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް މީގެ ކުރިން މިފަދަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.