މިދިޔަ ބުދަދުވަހު ނާސާއިން މިހާތަނަށް އެއްފަހަރާ ހޯދުނު އެންމެ ގިނަ ޕްލެނެޓް ކަމަށްވާ 715 އައު ޕްލެނެޓް “ކެޕްލާ ސްޕޭސް ޓެލެސްކޯޕު”ން ހޯދުނުކަން އިއުލާނުކޮށްފި އެވެ.
މާޗު 2009 ގައި ހުލުވުނު “ކެޕްލާ ސްޕޭސް އޮބްޒަވޭޓަރީ”އަކީ މިދުނިޔެ ފަދަ ދިރިހުރުމަށް އެކަށީގެންވާ ތަންތަން ހޯދުމަށް ނާސާއިން އެންމެ ފުރަތަމަ ފެށި މަަސައްކަތެވެ.
ކެޕްލާގެ ސަބަބުން ދުނިޔެތައް ތަފާތުކޮށް ވަކިކުރުމަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށް ނާސާގެ އެސްޓްރޯފިޒިކްސް ޑިވިޒަންގެ ސައިންޓިސްޓަކު ވިދާޅުވި އެވެ.
ކެޕްލާއިން ބޭނުންކުރަނީ “ވެރިފިކޭޝަން ބައި މަލްޓިޕްލިކޭޝަން” އެވެ. މި ގޮތް ބޭނުން ކޮށްގެން ސައިންޓިސްޓުން އެތަރިތަކުގެ ވަށައިގެން އެއް ދުނިޔެއަށްވުރެ ގިނަ ދުނިޔެ ދައުރުވާނެ ކަމަށް ލަފާކުރެވޭ ތަރިތަކަށް އިސްކަންދީ ހޯދުންތައް ހޯދަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކެޕްލާ ބޭނުންކޮށް ދުނިޔެއާ ބެހޭ އިތުރު މައުލޫމާތު ކުރިއަށްވުރެ އަވަހަށް ހޯދޭނެ ކަމަށްވެސް ސައިންސްވެރިން ޔަގީން ކުރެއެވެ.
ތަފާތު އެތައް 305 ތަރިއެއް ވަށައިގެން ދައުރުވަމުންދާ މި ޕްލެނެޓްތަކުގެ 95 އިންސައްތަ “ނެޕްޓިއުން”އަށް ވުރެ ކުޑަ ނަމަވެސް ނެޕްޓިއުން އަހަރެމެން ދިރިއުޅޭ ދުނިޔެއަށް ވުރެ ހަތަރު ގުނަ ބޮޑެވެ.
ދިރިހުރުމަށް އެކަށީގެންވާ 4 ޕްލެނެޓެއް ބުދަ ދުވަހު އިއުލާނުކުރި ޕްލެނެޓް ތެރޭގައި ހިމެނެ އެވެ. މިހުރިހާ ޕްލެނެޓެއްވެސް މިދުނިޔެއަށް ވުރެ ދެގުނަ ބޮޑެވެ. އަދި އޭގެ ތެރެއިން އެއް ޕްލެނެޓް ތިރީސް ދުވަހުގެ ތެރޭގައި ތަރިއެއްގެ ވަށައިގެން ބުރެއް ޖަހައެވެ.
މީގެ ކުރިން ގާތްގަނޑަކަށް ހާހެއްހާ ޕްލެނެޓް އަހަރެމެން ދިރިއުޅޭ މަޑިކިލަނބު “މިލްކީވޭ”އިން ވަނީ ހޯދިފަ އެވެ.