އައު ކައުންސިލުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި އަދި މި ވަގުތު ރަައްޔިތުންނަށް ބޭނުންތެރި ކަންތައްތައް ކުރުން ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ކަމަށް އަލަށް އިންތިހާބުވި އަލީ މުހައްމަދު ވިދާޅުވި އެވެ.
ކައުންސިލުގެ އައު ރައީސް “ކުޅުދުއްފުށީ އޮންލައިން”އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ރައްޔިތުންނަށް މި ވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެއްވުމަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި މަސް މާރުކޭޓެއް އެޅުމަށް އުންމީދު ކުރައްވާ ކަމަށާއި ވަގުތީ ގޮތުން ނަމަވެސް “ހޮނިހިރު ބާޒާރު” މާރުކޭޓު ބޭއްވޭނެ ތަނެއް ހަމަޖައްސައި ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރުކޮޅުގައިވާ ފަޅުގެ ސަބަބުން އޮޑިވެރިންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ ކައުންސިލުގެ ފަރާތުން ފަޅު ސާފުކުރުމަށް މުވައްޒަފަކު އިސްކުރާނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރަށުގެ އިޖުތިމާއީ މައްސަލަތައް ކަމަށްވާ ޗަކަބިމުގެ މައްސަލައާއި ގެވަޅުގެ މައްސަލަވެސް ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ނިމިފައިވާ ހައުސިން ޔުނިޓުތައް ދޫކުރުން މިއަންނަ މާޗުމަހުގައި ކުރިއަށް ދާ ވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގެވަޅު ދޫކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފުރަތަމަ އަހަރުގެ ތެރޭގައި، ކުރިން ހުށަހަޅާފައި ހުރި ފޯމުތައް ބާތިލުކުރާނެ ކަމަށާއި އޭގެ ދެމަސްތެރޭ ގެވަޅުގެ ގުރުއަތު ނެގުން ބާއްވާނެ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
އަލަށް ހޮވުނު ކައުންސިލުގެ އެއްމަސް ދުވަސް ތެރޭގައި ކައުންސިލުގެ އޮނިގަނޑު ރަނގަޅަށް ރާވާ ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައްޔިތުންނަށް ކަންކަމުގެ ތަފްސީލުދީ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލަކަށް ކުޅުދުއްފުށީ ކައުންސިލު ވާނެ ކަމުގެ އަލަށް އެކުލަވާލެވުނު ކައުންސިލުގެ ރައީސް ޔަގީންކަން ދެއްވި އެވެ.