ހއ. މުރައިދޫ ކައުންސިލުގެ ރައީސަކު އިންތިހާބު ކުރުމަށް 11 ފަހަރު ވޯޓަށް އަހައިގެން ވެސް އެކަން ކާމިޔާބު ނުވާ ކަމަށް ކައުންސިލުން އިދާރާއިން ބުނެފި އެވެ.
މުރައިދޫ ކައުންސިލު އިދާރާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެހުންނެވި އެސިސްޓެންޓް ފައިނޭސް އޮފިސަރ މުހައްމަދު ކަލީމް ވިދާޅުވީ 26 ވަނަ ދުވަހު ހުވާ ކުރެވުމަށްފަހު، އެ ދުވަހު ހަވީރު ރައީސަކާއި ނައިބު ރައީސެއް އިންތިހާބު ކުރުމަށްޓަކައި ޖަލްސާ ބޭއްވި ކަމަށާއި ރައީސަކު އިންތިހާބު ކުރުމަށް 2 ދުވަސް މަތިން އެތައް ޖަލްސާ އެއް ބޭއްވި، 11 ފަހަރު ރައީސަކު އިންތިހާބު ކުރުމަށް ވޯޓަށް އަހައިގެން ވެސް އެކަން ކާމިޔާބު ވެފަ ނުވާ ކަމަށެވެ.
މުރައިދޫ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ 2 ކައުންސިލަރަކާއި ޕީޕީއެމްގެ 2 ކައުންސިލަރެއްގެ އިތުރުން އަދާލަތު ޕާޓީގެ ކައުންސިލަރެކެވެ. އޭނާ ވިދާޅުވީ ފުރަތަމަ ރައީސަކު ހޮވުމަށް ފުރުސަތު ހުޅުވާލުމުން 3 ބޭފުޅަކު އެކަމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ކަމަށެވެ. އެއީ އެމްޑީޕީގެ ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރެއްގެ އިތުރުން އަދާލަތު ޕާޓީގެ ކައުންސިލަރެއް ކަމަށެވެ.
ތިން ޕާޓީ ވާދަކޮށްގެން އެއްވެސް ޕާޓީއަކަށް އަގުލައްބިޔަތު ނުލިބުމުން، އެންމެ ގިނައިން ވޯޓު ހޯއްދެއްވި ދެ ކެނޑިޑޭޓުންގެ މެދުގައި އަލުން ވޯޓް ނަގަން ނިންމީ ކަމަށެވެ. އެހެންނަމަވެސް އެގޮތަށް ވޯޓަށް އެހުމުން އަދާލަތު ޕާޓީއަށް ނިސްބަތްވާ ކައުންސިލަރު ވޯޓު އަޅަނީ “ހުސް” ކަރުދާސްކޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ވޯޓު އެޅުމުން ވަކި ކޮޅަށް އަގުލައްބިޔަތު ނުލިބި ކޮންމެ ފަހަރަކު ވޯޓު ދެ ކެނޑިޑޭޓުނަން އެއްވަރުވާ ކަމަށް ކަލީމް ވިދާޅުވި އެވެ.
” ސިއްރު ވޯޓެއް ނަގަނީ އެކަމަކު ހުރިހާ ކައުންސިލަރުންނަން ވެސް އެގޭ ހުސް ކަރުދާހެއް ކޮޅު ލަނީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ކައުންސިލަރު ކަން” މުހައްމަދު ކަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތަށް ރައީސަކު އިންތިހާބު ކުރުމަށް ޖަލްސާ ބޭއްވުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެލްޖީއޭގެ ލަފައަކަށް އެދިފައިވާނެ ކަމަށާއި ލަފައެއް ލިބުމުން އިތުރަށް ކުރިއަށް ދިއުމަށް ނިންމަވާފައިވާ ކަމަށް ކަލީމް ވިދާޅުވި އެވެ.