ކުޅުދުއްފުށީގައި އެއާޕޯޓެއް ހަދައި ހިންގާނެ ފަރާތެއް ހޯދަން މިހާރު ބީލަމަށް ލާފައިވާ ކަމަށާއި އެ އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގެ މި މަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން ޅ. ފެޅިވަރުގައި އަޅާ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ މައި ދޮރާށިކަމުގައި ވިދާޅުވެ އެ އެއާޕޯޓު ތަރައްގީކުރުމަށް ވާން ޖެހޭ އަސާސީ ތައްޔާރީތައްކޮށް ނިމިފައިވާކަން ހާމަކުރައްވާފައި ވެއެވެ. އަދި އެ ވައިގެ ބަނދަރު ތަރައްގީކޮށް ނިމޭއިރު ކުރިއަށް އޮތް 50 އަހަރަށް ފުދޭ ދިވެހިންގެ އެއާޕޯޓަކަށް ވާނޭ ކަމަށާއި ހުޅުވާލެވޭ އިގުތިސާދަށް އަދި ފުޅަވަމުންދާ ފަތުރުވެރިކަމަށް ފަހި ތަނަކަށް ވާނޭކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭސްފަރުވާގެ ހިދުމަތް ހުސްނުވާ އާސަންދައިގެ ދަށުން ހަމަޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ އެފަރާތްތަކަށް ދާއިމީ ގޮތެއްގައި މާލީ އެހީ ފޯރުވައިދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށާއި މި ސަރުކާރުންދޭ އެއްވެސް ހިދުމަތަކުން މަހުރޫމު ވާނޭ ބައެއްކަމަށް ހާއްސަ އެހީއަށް ބޭނުނުްވާ ކުދިންނާއި މީހުން ނުވާނެކަމަށް ރައީސް ޔަގީންކޮށްދެއްވި އެވެ. އަދި މިއަދު ފެށުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް އެކަމާ ގުޅޭ ބިލެއް ހުށަހެޅުމަށް ގަސްދުކުރާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތުގެ ދަރަނީގެ މިންވަރު މިދިޔަ އަހަރު ހުރީ ގައުމުގެ އުފެންދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 78 އިންސައްތާގައި ކަމަށް ވިދާޅުވެ ދެމެހެއްޓެނިވި މިންގަނޑެއްގައި ދަރަނި ހިފެހެއްޓުމަަކީ މިސަރުކާރުގެ އަމާޒެއްކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2013 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނީގެ ޖުމްލަ 27.7 ބިލިއަނަށް އަރާފައިވާ ކަމަށާއި މީގެ 11.6 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނިތައް ކަމަށެވެ. އަދި މި އަހަރުގެ ނިޔަލަށް މި އަދަދު 31.1 ބިލިޔަނަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރުގެ ސިޔާސަތުތަކާބެހޭ ގޮތުން ރައީސްގެ ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ.