ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބޮއޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަދި އިތުރު ދައުރަކަށް އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށީ އޮންލައިން”އަށް ދެއްވި އިންޓަވިއުއެއްގައި ގަފޫރު ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި ޑޯޓުޑޯ ކެމްޕެއިން ކުރެއްވުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތާއީދާއި އެއްބާރުލުމާ މެދު ވަރަށް ހިތް ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ޣަފޫރު ވިދާޅުވީ މި ފަސް އަހަރު ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާފައި ވާނެ ކަމަށާއި އިތުރު ދައުރަކަށް ހޮވިއްޖެނަމަ ހަމަ އެގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކެމްޕެއިނު ހަރަކާތްތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެގޮތުން ރައްޔިތުންގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވަމުން ގެންދަވާ ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޣަފޫރަކީ މަޖިލީހުގެ މިދިޔަ ދައުރުގެ އެންމެ ހާޟިރީ ރަނގަޅު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.