ފޯބްސް މަޖައްލާއިން މިދިޔަ ހަފްތާގައި ނެރުނު މުއްސަނދި މީހުންގެ ލިސްޓުގެ އެއްވަނައަށް ހަތަރު އަހަރަށްފަހު މައިކްރޯސޮފްޓުގެ ވެރިޔާ “ބިލް ގޭޓްސް” އަނެއްކާވެސް އަރައިފި އެވެ.
ބިލް ގޭޓްސް އަށް މިމަގާމު ލިބުނީ މިދިޔަ ހަތަރު އަހަރު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ލިބިފައިވާ ޓެލެކޮމް ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެންގުޅޭ ކާރލޮސް ސްލިމް ހެލޫއާ ވާދަކޮށްގެންނެވެ. އޭނާގެ މުއްސަނދިކަން އުޅެނީ 72 ބިލިއަން ޑޮލަރުގަ އެވެ. ގޭޓްސްގެ މުއްސަނދިކަން ވޭތުވެދިޔަ އަހަރުގެ ތެރޭގައި 9 ބިލިޔަން މައްޗަށް ގޮސްފައިވާއިރު އޭނާގެ ޖުމްލަ ރައުސްމާލު 76 ބިލިޔަން ޑޮލަރަށް ވަނީ އަރާފަ އެވެ. އޭނާ ވަނީ މިދިޔަ 20 އަހަރުގެ ތެރޭގައި 15 އަހަރު މުއްސަނދިންގެ ލިސްޓުގެ އެއްވަނާގައި ހުރެފަ އެވެ.
މި ލިސްޓުގެ ތިންވަނަ ވިދިވިދިގެން ދެވަނަ އަހަރު ވަރެން ބަފެޓްއާ ވާދަކޮށް ލިބިފައިވަނީ ޒާރާ ފެޝަން ޗެއިންގެ މަޝްހޫރު އަމަންސިއާ އޯޓެގާ އަށެވެ. އޮރެކަލްގެ ލެރީ އެލިސަން ފަސްވަނާގައި އުޅޭ އިރު ހަވަނާގައި ވަނީ ކޮޗް އިންޑަސްޓްރީގެ ޗެއަރމަން އަދި ސީއީއޯ ޗާރލްސް ކޮޗް އެވެ. އަދި ހަތްވަނާގައި ވަނީ ވެސް ހަމަ ކޮޗް އިންޑަސްޓްރީގެ ނައިބު ރައީސް ޑޭވިޑް ކޮޗް އެވެ. 2007ގެ ފަހުން ފުރަތަމަ ފަހަރަށް މުއްސަނދިންގެ ލިސްޓަށް އަރާފައިވާ ޝެލްޑަން އެޑެލްސަން ވަނީ 11.5 ބިލިއަން ޑޮލަރު އިތުރަށް ލިބިފަ އެވެ. އޭނާ ވަނީ ލިސްޓުގެ އަށް ވަނައިގަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާގެ ގޮތުގައި މިލިސްޓުގެ ނުވަވަނާގައި ކްރިސްޓީ ވާލްޓަން ވާއިރު ދިހަވަނާގައި ވަނީ ވޯލްމާރޓްގެ ވެރިޔާގެ ހަގު ދަރިފުޅު ޖިމް ވާލްޓަން އެވެ.
ފޯބްސްއިން އާންމު ކޮށްފައިވާ ދުނިޔޭގެ އެންމެ މުއްސަނދި 50 މީހުންގެ ލިސްޓުގައި ގޫގުލް އަދި ފޭސްބުކްގެ ވެރިން ވެސް ހިމެނިފައިވެ އެވެ. ގޫގުލްގެ ސާރގޭ ބްރިން މި ލިސްޓުގެ 19 ގައި އުޅޭއިރު ފޭސްބުކްގެ ވެރިޔާ މާރކް ޒުކަބާގް އުޅެނީ މިލިސްޓުގެ 21 ވަނައިގަ އެވެ. މާރކް ޒުކަބާގް އަކީ މިއަހަރު އެންމެ ބޮޑަށް މުއްސަނދިކަން އިތުރުވި މީހާ އެވެ. އެގޮތުން 15.2 ބިލިޔަނުން 28.5 ބިލިޔަން ޑޮލަރަށް އޭނާގެ މުއްސަނދިކަން އިތުރުވެފައިވެ އެވެ.
492 ބިލިޔަނަރުންނާއެކު އެންމެ ގިނަ މުއްސަނދިން އަދިވެސް އުޅެނީ ޔުނައިޓެޑް ސްޓޭޓްސްގަ އެވެ. ދެން ޗައިނާ އަދި ރަޝިއާގައި ވަރަށް ގިނަ ބިލިޔަނަރުން އުޅެ އެވެ.