އިޖުތިމާއީ ގޮތުން ދުޅަހެޔޮ އަދި އިގްތިސާދީ ގޮތުން ފުއްދުންތެރި ކުޅުދުއްފުއްޓެއް ބިނާ ކޮށްދެއްވާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އައިޝަތު ލީޝާ ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ލީޝާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ރަގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ލީޝާ ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީގެ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދުގެ އަނބިކަބަލުން ލީޝާ ވިދާޅުވީ އިޖުތިމާއީ ގޮތުން ހުރި ފުރުސަތުތަކާ އިގުތިސާދީ ގޮތުން ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ތަނަކަށް ކުޅުދުއްފުށި ހެދުމަށްޓަކައި މަޖިލީހުގައި ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ލީޝާ ވިދާޅުވީ މަޖިލީހަށް ބޭނުންވަނީ ހަމައެކަނި ބިލް ހަދާ ނުވަތަ ހާޒިރީ ރަގަޅުކުރާ މެމްބަރެއް ނޫން ކަމަށާއި ދާއިރާގެ ރައްޔިތުންނަށް މުހިއްމު ވަނީ ދާއިރާގެ ހައްގުގައި މަޖިލީހުގައި ވާހަކަ ދެކެވޭނެ މެމްބަރެއް ކަމަށެވެ.
“އަޅުގަނޑު ގަބޫލު ކުރާ ގޮތުގާ ދާއިރާއަށް ބޭނުން ވަނީ ދާއިރާގެ ކަންބޮޑުވުންތަކަށް އަޑު އުފުލާ، އެ ކަންބޮޑުވުންތައް ހައްލު ކޮށްދޭން މަސައްކަތް ކުރާނެ މީހެކޭ. އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ތިޔަބޭފުޅުން އުއްމީދު ކުރާ ފަދަ މީހަކަ ވާނަމޭ” ލީޝާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ކެމްޕެއިންގެ މަގުމަތީގެ ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށާއި ދާއިރާގެ ކޮންމެ ގެއަކަށް އޭނާ ސޮއިކުރައްވާ ސިޓީއެއް ފޮނުވަން ހަމަޖެހިފަވާ ކަމަށް ވެސް ލީޝާ ވިދާޅިވި އެވެ.
މި ޖަލްސާގައި ވަނީ ވޮއިސް އޮފް މޯލްޑިވްސް އިން މަޝްއޫރު ކަން ހޯދި ދޮންބެގެ އަޑުން ކިޔާފައިވާ ލީޝާގެ ކެމްޕެއިން ލަވައެއް ހަދިޔާ ކޮށްފަ އެވެ.
ލީޝާގެ އިތުރުން އެ ދާއިރާއަށް ވާދަކުރައްވަނީ މިހާރުގެ ވެސް މެމްބަރު މުހައްމަދު ނަޝީދާއި އާދަމް ވަހީދުގެ އިތުރުން ނާޒިމާ އަލީ އެވެ.