ކުޅުދުއްފުއްޓާއި ކުޅުދުއްފުއްޓާ ކައިރި ބައެއް ރަށްރަށުން ހޭންޑް ފުޓް އެންޑް މައުތް ޑިޒީސް ބަލި ހުރި ފަރާތްތައް ފެންނަމުންދާތީ އެ ބައްޔާ މެދު ސަމާލުވުމަށް ކުޅުދުއްފުށީ ޕަބުލިކް ހެލްތް ޔުނިޓުން އިލްތިމާސް ކޮށްފި އެވެ.
ކުޅުދުއްފުށީ ޕަބްލިކް ހެލްތު ޔުނިޓުން ބުނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށް އެ ބަލި ޖެހިފައިވާ 5 މީހަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށެވެ. އަދި އެބަލި އެސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރުމުގެ ބިރު އޮތުމުން އެ ބައްޔާ މެދު ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ޔުނިޓުން އިލްތިމާސް ކުރާ ކަމަށެވެ.
ކުޅުދުއްފުށީ ޕަބުލިކް ހެލްތު ޔުނިޓްގެ އޮފިސަރ ޝަބާނާ އަލީ ވިދާޅުވީ އާއްމުކޮށް ކުޑަކުދިންގެ މެދުގައި ފެތުރޭ މި ބައްޔަށް ފަހަކަށް އައިސް ބައެއް ފަރާތްތަކުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އާއްމު ރޯގާގެ ގޮތުގައި ބައެއް ފަރާތަކުން ދެކި، ސިއްހީ މާހިރުންގެ ލަފާ ނުހޯދާ ފަރުވާ ކުޑަ ކުރާ ކަމަށެވެ.
ޝަބާނާ ވިދާޅުވީ އެހެން އެކަންތައް ނުކުރުމަށާއި އެބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ހެލްތް ވޯކަރަކަށް ނުވަތަ ޑޮކްޓަރެއްގެ އެހީ ހޯދުމަށެވެ. އަދި ބަލި ޖެހިފައިވާ ފަރާތައް އެހެން ކުދިންނާ ވީހާ ވެސް ވަކިން ގެންގުޅުމަށް ޝަބާނާ ވަނީ އެދިލައްވާފަ އެވެ.
މިބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅު ތަކާ ބެހޭ ގޮތުން ކުޅުދުއްފުށީ ސްކޫލުތަކުގެ ބެލެނިވެރިންނަން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ޕަބްލިކް ހެލްތު ޔުނިޓުން ދަނީ ބާއްވަމުން ނެވެ.
ހޭންޑް ފުޓް އެންޑް މައުތް ޑިޒީސް އާއްމުކޮށް ކުޅުދުއްފުށިން ފެންނަން ފަށާފާވަނީ މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ.
ބައެއް ރަށްރަށުގައި “ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް” ފެތުރެމުންދާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އިލްތިމާސް ކޮށްފައެވެ.