މި މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީގެ ދެ ގޮނޑި އަށް ވެސް މި ފަހަރު ހޮވަން ވާނީ ކުޅުދުއްފުށީގެ ދަރިއެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އާދަމް ވަހީދު ވިދާޅުވެއްޖެ އެވެ.
އާދަމް ވަހީދުގެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުއްވާ ދެއްވުމަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލީހުގެ ދިގު ތާރީހުގައި ކުޅުދުއްފުށީގެ ގޮނޑިތައް މުޅިން ވެސް ފުރުއްވާ ފައިވަނީ “ބީރެއްޓެހިން” ކަމަށާއި މިފަހަރު މަޖިލީހުގެ ދެގޮނޑިއަށް ވެސް ހޮވަން ވާނީ ކުޅުދުއްފުށީގެ ލޭ ހިނގާ ކުޅުދުއްފުށީގެ ދަރިއެއް ކަމަށެވެ.
ކުޅުދުއްފުށީގައި އުފެދުނު އެމްޑީޕީ ގޮފީގެ ފުރަތަމަ ރައީސްކަން ކުރައްވާފައިވާ އާދަމް ވަހީދު ވިދާޅުވި ގޮތުގައި ދިހަ ހާހުގެ ބޮޑު އާބާދީގައި ރަށުގެ ދަރިން ރައްޔިތުންގެ މަޖިލީހުގައި ނެތުމަކީ އެކަމުން މަލާމާތް ލިބޭ ކަމެއް ކަމަށާއި ރަށްށަށް ބޭނުންވާ ތަރައްގީ އެންމެ ފުރިހަމަ ގޮތުގާ ލިބުމަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ހއ.ގެ ދާއިރާ ތަކާއި ށ އަދި އައްޑޫ ފަދަ ދާއިރާތަކުގައި ތިއްބަވަނީ އެދާއިރާގެ ދަރިން ކަމަށްވާ އިރު ބަވަނަ ވަމުން އަންނަ ޒަމާނުގައި ކުޅުދުއްފުށީގެ ދަރިއެއް މަޖިލީހުގައި ނެތުމަކީ ރަށުގެ އެންމެހާ ރައްޔިތުން ލަދު ގަންނަޖެހޭނޭ ކަމެއް ކަމަށެވެ.
އާދަމް ވަހީދު މެނިފެސްޓޯ ރައްޔިތުންނާ ހިއްސާ ކުރުމުގެ ލޮރި ބުރެއް ހަފުތާ ބަންދުގައި ކުރިއަށް ގެންގޮސްފަ ވެއެވެ. މިލޮރީ ބުރުގައި އާދަމް ވަހީދު އެ ދާއިރާއަށް އިންތިހާބު ވެއްޖެ ނަމަ ކޮށްދެއްވާނެ ކަންތައް ވަނީ ހިއްސާ ކޮށްފަ އެވެ.
ކުޅުދުއްފުށީގެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ އާދަމް ވަހީދަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އެހެންނަމަވެސް މަޖިލިސް އިންތިހާބުގައި އާދަމް ވަހީދު ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.