ޅ. މާފިލާފުށީގެ ދެ އާއިލާއެއް ކުޅުދުއްފުއްޓަށް ބަދަލުކޮށްފި އެވެ.
އެންއެންޑީއެފް އިން ޓްރެއިނިންގ ހެދުމަށް ބޭނުންކުރާ ޅ. މާފިލާފުށީގައި ދިރިއުޅެމުން އަންނަ އާއިލާތަށް އެ ރަށުން ބަދަލުކުރުމަށް ނިންމުމާ ގުޅިގެން އެކި ހުރިހާ އާއިލާތަކެއް ހެން މިހާރުވަނީ އެ ރަށުން ބަދަލުވެފަ އެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ޅ. މާފިލާފުށީގެ ދެ އާއިލާއެއް ކުޅުދުއްފުށްޓަށް ބަދަލު ކޮށްފައިވަނީ އިއްޔެ އެވެ.
ޅ. އަތޮޅު ކައުންސިލުން ވަނީ މި ދެ އާއިލާ ކުޅުދުއްފުށްޓަށް ބަދަލުވުމަށް ދޯންޏެއް ހަމަޖައްސާދީފަ އެވެ. އަދި އެ ދެ އާއިލާގެ ގޭގައި ހުރި މުދާތައް ސިފައިންގެ ވެހިކަލްތަކުގައި އެ ދޯންޏާ ހަމައަށް ފޯރުކޮށް ދީ އެރުވުމުގައިވެސް އެހީތެރިކަން ދީފަ ވެއެވެ. އަދި ކުޅުދުއްފުއްޓަށް އެ ދޯނި އައުމުން ކުޅުދުއްފުށީގައި ތިއްބަވާ ސިފައިން ވަނީ އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ އެ މީހުން ދިރިއުޅުމަށްޓަކައި އުތުރު ކޮޅުގައި ހަދާފައިވާ ރޯހައުސް ތަކުގެ ތެރެއިން ދެ ރޯ ހައުސް ހަމަޖައްސާދީފަ އެވެ. ކުޅުދުއްފުއްޓަށް ބަދަލުވި ދެ އާއިލާގައި ޖުމްލަ 10 މީހުން ހިމެނެއެވެ.
މި މީހުން ކުޅުދުއްފުށްޓަށް ބަދަލުކޮށްފައިވަނީ އެމްއެންޑީއެފްގެ ބޭނުމަކަށް އެރަށް ބޭނުންވާތީ ހައުސިންގ މިނިސްޓްރީން އެރަށުގައި ދިރިއުޅެމުންދާ އާއިލާތަކަށް އެބަޔަކު ބޭނުންވާ ރަށަކަށް ހިޖުރަ ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުންނެވެ. މިހާރުވެސް އެމްއެންޑިއެފް ޓްރެއިނިން ސްކޫލެއް މާފިލާފުށީގައި ވަނީ ގާއިމުކޮށްފަ އެވެ.
މީގެ ކުރިންވެސް ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ބައެއް އާއިލާތައް، މީހުން ދިރިއުޅޭ އެހެން ރަށްރަށަށް ބަދަލު ކުރުމުގެ މަސައްކަތްކޮށްފައިވެ އެވެ.