އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކޮށް އެ ކޯޓު “އިސްލާހު” ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީ ދެ ދާއިރާއިން ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ ކުޅުދުއްފުށިގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ސްޕުރީމް ކޯޓަށާއި އެކޯޓުގެ ފަނޑިޔާރުންނަން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ބަދުއަހުލާގީ އަމަލު ހިންގަވަމުން ދިޔަ މަންޒަރު މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެންނަމުން ދާއިރު ވެސް އެ ކޯޓުގެ އެއްވެސް ބޭފުޅަކަށް “ސްމޯޓޯ”ގެ ދަށުން އެމައްސަލަ ނުބެއްލެވޭ ކަމަށެވެ. ނަޝީދު ވިދާޅުވީ އަމިއްލަ އިސްނެގުމުގެ މަތިން ކަމެއް ކުރަންޏާ އެއަށް ވުރެ ބޮޑު ކަމެއް ނޯންނާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކި ރަށްށުގައި ފެންނަމުންދަނީ ޒުވާން އަންހެން ކުދިންނާ އެކު ފަނޑިޔާރުން ފާޅުގައި ބަދުއަހުލާގީ އަމަލު ހިންގަމުންދާތަން ކަމަށާއި އުއްތަމަ ފަނޑިޔާރު އެ ހުރިހާ ކަންކަމަށް ބީރު ކަންފަތެއް ދީގެން އިންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
“މުޅި ރާއްޖޭގެ ސިޔާދަތު ހަރާބު ކުރައްވަމުން ގެންދަވަނީ އޮރިޔާން ފިލްމުތަކުގައި ފެންނަ އެ ބޭފުޅުންގެ ސަބަބުން” ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އުއްތަމަފަނޑިޔާރަށާއި ފަނޑިޔާރުގެއަށް ވެސް ފާޑުވިދާޅުވާން ޖެހިއްޖެނަމަ އެކަމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އެކަމާ ބިރުން އެވާހަކަތައް ދެއްކެވުން ހުއްޓަވާ ނުލައްވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އެކަން ހުއްޓާލާނީ ކޯޓު އިސްލާހު ކުރުމަށް ފަހު ކަމަށެވެ.
“އިންސާފު ގާއިމު ވާނެ ހުރިހާ މަގެއް ހޯދާނަން” އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ހާޒިރުވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ކައުންސިލުތަކަށް އެތަނެއްގެ މިލްކުވެރިކަން ދޭނެ ކަމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވާ އަބްދުލް ޣަފޫރު މޫސާ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ލީޝާ ވެސް މި ޖަލްސާގައި ވާހަކަ ދައްކަވާފައި ވެއެވެ.
މަޖިލިސް ކެމްޕެއިންގައި ރައީސް ނަޝީދު އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ހއ ގެ ބައެއް ރަށް ރަށަށް ވަޑައިގެންފައެވެ.