މިދިޔަ ހޮނިހިރާއި އާދީއްތަ ދުވަހު ކުޅުދުއްފުށްޓަށް ކުރި ވިއްސާރައިގައި ރަށުގެ ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑު ވެއްޖެ އެވެ.
މި ވިއްސާރައިގައި އެންމެ ބޮޑަށް ފެން ބޮޑުވި ކުޅުދުއްފުށީ ހަސަނާތު މިސްކިތް ހިމެނޭ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ކުޅުދުއްފުށީގައި ތިއްބަވާ ސިފައިން ވަނީ ކޮށްފައެވެ.
ނޯދަން އޭރިއާގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފެށީ އެ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށް އެފަރާތުން މައުލޫމާތު ދެއްވަ އެވެ.
ޕަންޕު ޖަހައިގެން ކުރެވުނު ފެން ހިއްކުމުގެ މި މަސައްކަތް ފެށުނީ އާދީއްތަ ދުވަހުގެ މެންދުރުފަހު ކަމަށާއި މިމަސައްކަތް ނިމިފައިވަނީ ރޭ މެންދަމު ކަމަށް ސިފައިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ބޯކޮށް ވާރޭ ވެހިފައި ވެއެވެ.
ކުޅުދުއްފުށީ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވިނަމަވެސް އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.