ހދ އަތޮޅު ކައުންސިލުން ހދ ހަނިމާދޫއަށް ޒިޔާރަތް ކުރައްވައިފި އެވެ.
ހދ އަތޮޅުގެ ހުރިހާ ރަށަކަށް އަތޮޅު ކައުންސިލުން ޒިޔާރަތް ކުރުމަށް މިހާރު ފަށާފައިވާ ދަތުރު ތަކުގެ ތެރެއިން ފުރަތަމަ ޒިޔާރަތް ކޮށްފައިވަނީ ރަށަކީ ވައިކަރަދޫ އަށެވެ.
ހދ އަތޮޅު ކައުންސިލުގެ މީޑީއާ ކޯޑިނޭޓަރ އަބްދުލް މުހައިމިނު ވިދާޅުވީ އަތޮޅު ކައުންސިލުގެ މި ދަތުރުގެ މައިގަނޑު މަގުސަދަކީ އަތޮޅުގެ ރަށްތަކުގެ ހާލަތު ދެނެގަނެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކާ ބައްދަލު ކުރުން ކަމަށެވެ.
“މިއީ ހދ އަތޮޅުގެ ހުރިހާ ރަށްތަކަކަށް ކުރާ ދަތުރެއް. ދަތުރުގެ މަގުސަދަކީ ރަށްރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކާ ބައްދަލުކޮށް އެފަރާތްތަކަށް ދިމާވެފައިވާ ދަތިތަށް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން” ކަމަށެވެ.
ހަނިމާދޫއަށް ކުރެވުނު މި ޒިޔާރަތުގައި އެރަށުގެ ރަށު ކައުންސިލާއި ސިއްހީ މަރުކަޒަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށާއި ރަށު ސްކޫލުގެ ޕީޓީއޭ އާއި އެ ރަށުގެ ކުލަބު ޖަމިއްޔާތަކާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖުމެންޓާ ބައްދަލުކޮށްފައިވާނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވަ އެވެ.
އަދި އޭގެ އިތުރުން ހަނިމާދޫ ސިއްހީ މަރުކަޒަށް ކުރެވުނު ޒިޔާރަތުގައި އެ މުއައްސަސާއިން ސީރިއަސް “އިޝޫ” ތަކެއް ފާޅުކޮށްފައިވާ ކަމަށްވެސް ހދ އަތޮޅު ކައުންސިލުން ބުނެއެވެ. އެގޮތުން ސިއްހީ މަރުކަޒުގެ އިމާރާތުގެ ދަތިކަމާއި ތަކެތީގެ ދަތިކަން އަދި ވެހިކަލްގެ މައްސަލަ ފާހަގަކޮށްފައި ވެއެވެ.
މިޒިޔާރަތުގައި އަތޮޅު ކައުންސިލު މެންބަރު އުންމުކުލްސުމް އިބްރާހިމާއި އަބްދުއްﷲ މުހައްމަދު ފިޔަވައި ދެން ތިއްބެވި ހުރިހާ ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ހދ އަތޮޅުގެ ރަށްތަކަށް އަތޮޅު ކައުންސިލުން ކުރާ ދަތުރުގެ ތެރެއިން މާދަމާ ހދ ނޮޅިވަރަމަށް ޒިޔާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.