ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ނިޒާމަކަށް ހައްދަވައި ދެއްވާނެ ކަމަށް އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅުގެ ރަށްތަކަށް އަތޮޅު ކައުންސިލުން ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، ހދ. ނޭކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައި ބުރާސްފަތި ދުވަހުގެ ރޭ އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި އާދަމް ނާސިރު ވިދާޅުވީ ލަމަރުކަޒީ ނިޒާމާމެދު ރައްޔިތުން ވަރަށް ބޮޑަށް މާޔޫސް ވެފައިވާ ކަމަށާއި މިއީ ރައްޔިތުން ބަލައިގަންނަ ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނޭކުރެންދޫ މަދަރުސާގައި ބޭއްވި މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވީ ވޭތުވެ ދިޔަ ދައުރަކީ ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ކުރި އިތުބާރު ގެއްލުނު 3 އަހަރު ކަމަށާއި އެއިތުބާރު އަލުން ހޯދުމަށް އައު ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރަށް ރައީސް ވިދާޅުވީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލު ގުޅިގެން އެއް އާއިލާއެއްގެ ގޮތުގައި ރައްޔިތުންނަށް ލިބިދޭންޖެހޭ މަންފާތަކާއި ފޮނިމީރުކަން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގެނެސް ދިނުމަށް އަމާޒު ކުރައްވާ ކަމަށެވެ.
ވޭތުވެ ދިޔަ ދައުރުގައި ނުކުރެވޭފަދަ ގާނޫނީ މައްސަލަތަކެއް ހުރި ބޮޑެތި ކަންކަމައިގެން އުޅެފައިވާ ކަމަށާއި ކުރެވެން ހުރި ކުދިކުދި ކަންތައްތައް ދޫކޮށްލެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެދައުރަކީ ތަޖުރިބާއެއްގެ ގޮތުގައި ނަގައި ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އާދަމް ނާސިރު ޔަގީން ކުރެއްވި އެވެ.
އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ މިދައުރަކީ ކާމިޔާބު ދައުރެއްކަމަށް ވެގެންދާނެ ކަމަށާއި 1900 ގެ ކުރީކޮޅުގައި ލާމަރުކަޒީ ނިޒާމު ވަރަށް ހަރުދަނާކޮށް ހިނގަމުން އައިސްފައިވާ ކަމަށް ރައީސް ހާމަ ކުރެއްވި އެވެ. އަދި މޮރިޝަސްގައި މިނިޒާމު ފެއިލްވެގެން ދިޔަ ގޮތަށް ރާއްޖޭގައި ކަންތައް ވެގެން ދިޔުމަށް ނޭދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ޝުއޫރު ފާޅުކޮށް ސުވާލު ހުށަހެޅުމަށް ފުރުސަތު ދެވިފައިވާ މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ތައާރަފުވެ އަތޮޅު ކައުންސިލުގެ ރައީސާއި ނާއިބު ރައީސް އަދި ދާއިރާގެ ދެ މެންބަރުގެ އިތުރުން ރަށު ކައުންސިލުގެ ރައީސް ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ.
މި ޒިޔާރަތުގައި ނޭކުރެންދޫގެ މަދަރުސާ، ޕްރީ ސްކޫލު، ސިއްހީ މަރުކަޒު އަދި އިންޖީނު ގެއާއި ކުލަބު ޖަމިއްޔާތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރެއްވި އެވެ. އަދި އެތަންތަނުގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތަކާ ބެހޭގޮތުން މައުލޫމާތު ހޯއްދަވާ އެތަންތަނުގެ ހާލަތު ކައުންސިލުގެ މެންބަރުން ބައްލަވާ ލެއްވި އެވެ.