ކުޅުދުއްފުށީގައި އިމާރާތްކުރަން ނުފެށި ހުރި 500 ގެވަޅު ސަރުކާރުގެ ހަރަދުގައި ހަދައިދީ ނިންމާ، އެތަންތަނުގެ ތަޅުދަނޑި ލިބުމުން، ރޯ ހައުސްތަކަށް ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުން އެކަން ކުރައްވަން ރައީސް ޔާމީންގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށާއި އަދި މިހާރު އެ ކަމަށް ސަރުކާރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ވިދާޅުވީ އެ ހުށަހެޅުމަކީ ކުޅުދުއްފުށީ ރައްޔިތަކު އެ ބޭފުޅާއަށް ދެއްވި ހިޔާލެއް ކަމަށާއި އެކަން ސަރުކާރަށް ހުށަހަޅައި އެކަމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު ހައުސިން މިނިސްޓްރީ އިން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މިއީ ސީދާ އެބޭފުޅާގެ މަސައްކަތުން ސަރުކާރުގެ ތެރެއިން ކުރެއްވި ކަމެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.
ކުރިއަށް އޮތް ދައުރުގައި ވެސް ހަމަ އެ ދާއިރާއަށް ވާދަ ކުރައްވާ މިހާރުގެ މެމްބަރު ނަޝީދު ރޭ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާއްދީ ގޮތުންނާއި އުމްރާނީ ގޮތުން ކުޅުދުއްފުށި ކުރިއަށް ގެންދިޔުމަށްޓަކައި އެބޭފުޅާގެ ދައުރު ރަނގަޅަށް އަދާނުކުރެއްވޭ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށެވެ.
“އަޅުގަނޑަށް އަބަދުވެސް އެއް ކަމެއްގެ އިހްސާސް ކުރެވޭ. އެއީ މާއްދީ ގޮތުން، އުމްރާނީ ގޮތުން ކުޅުދުއްފުށީ ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުގެ ދައުރު އަޅުގަނޑަށް އަދާ ނުކުރެވުނު ކަމުގެ އިހްސާސް” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެހެން ދިމާވީ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބު ވެވަޑައިގަތުމުން ބައެއް ބޭފުޅުން (މެމްބަރުން) އެބޭފުޅާ “ގިރާ” ކުރައްވާފައި ވަޑައިގަންނަވަން ފެއްޓުމުން ކަމަށެވެ.
“އެޕާޓީއަށް ވަޑައިގަތުން ނޫނީ އަޅުގަނޑު ގަބޫލު ނުކުރައްވާނޭ ކަމަށް ވިދާޅުވަމުން ގެންދެވި. އެޕާޓީ އަށް ވަނުމަށް އަޅުގަނޑަށް ޕްރެޝަރު ކުރަމުން ގެންދެވި. 3 އަހަރުގެ ދައުރު ނިމިގެން ދިޔައިރު ކަންދިމާވީ އެހެން” ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ނަޝީދު ވިދާޅުވި އެވެ.
ރޭ ނަޝީދުގެ ކެމްޕެއިން ޖަގަހަ ކުޅުދުއްފުށީ ޕެރިސްގޭގައި ހުޅުއްވައި ދެއްވުމަށް ފަހު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ނަޝީދު މަޖިލީހުގައި އިންނަވަން ސާރުކާރުން ބޭނުންފުޅު ވާކަމަށާއި ކުޅުދުއްފުއްޓަށް ތަރައްގީ ގެނެސްދިނުމަށްޓަކައި ނަޝީދަށް ވޯޓު ދިނުމަށް އަނިލް އެދިލެއްވި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް ކުޅުދުއްފުށީގައި ވަރަށް ބާރަށް ކުރިއަށްދާއިރު އެ ދާއިރާއަށް ދެން ވާދަކުރައްވަނީ ލީޝާ އާއި ނާޒިމާގެ އިތުރުން އާދަމް ވަހީދު އެވެ.