ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ގޮނޑި ލިބިއްޖެ ނަމަ ދާއިރާއަށާއި ރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް ވާދަކުރައްވާ އިބްރާހިމް ފަރުހޫދު ވިދާޅުވެއްޖެ އެވެ.
ފަރުހޫދު މިހެން ވިދާޅުވީ އިއްޔެ ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ. ފަރުހޫދު ވިދާޅުވީ މަސްވެރިންނަން ކުޅުދުއްފުށިން އައިސްލިބޭނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށާއި ބޭރުގެ ވިޔަފާރިވެރިން ކުޅުދުއްފުއްޓަށް ގެނެސް އެސަރަހައްދުގައި ވިޔަފާރި ފުޅާ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ސަރުކާރުގެ ގިނަ މުއައްސަސާތަކެއްގައި މަސައްކަތް ކުރައްވާފައިވާ ފަރުހޫދު ވިދާޅުވީ ހދ އަތޮޅަށް ޓޫރިޒަމް ގެނެސް އެސަރައްހަދުގައި ޓޫރިޒަމް ފުޅާ ކުރައްވާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާ ހަރުދަނާ ކުރުމާއި މުސާރަ ހަމަހަމަ ކުރައްވަން ވަރަށް ބޮޑަށް ސަރުކާރުގެ ތެރެއިން ބާރު އަޅުއްވާ ވަކާލާތު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަރުހޫދު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ކުޅުދުއްފުށީގެ ދަރިންނަން މަތީ ތައުލީމް ފޯރު ކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށާއި މަދުވެގެން 2 ސްކޮލަޝިޕް ހޯއްދަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރުހޫދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރެވޭނީ ޕީޕީއެމްގެ މެމްބަރުނަން ކަމަށާއި ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އޭނާއަކީ ޕީޕީއެމްގެ ހަމައެކަނި މެމްބަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ފަރުހޫދު ވިދާޅުވި އެވެ.
8 ފެބްރުއަރީގައި ހުޅުޖަހާ ހުޅުދާންކޮށް 200 މިލިއަނަން ވުރެ ގިނަ ރުފިޔާ އަންދާލި، އަންދާލުމުގައި ބައިވެރިވެފައި ތިބި ބައިވެރިންނަން ވޯޓު ދިނުމުގެ ބަދަލުގައި ފަރުހޫދަށް ވޯޓު ދިނުމަށް އޭނާ އެދިލެއްވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ޣަފޫރު މޫސާއާއި ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ނަސްރުﷲ އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު އަބްދުﷲ އެވެ.