ކުޅުދުއްފުށީގައި ގާއިމުކުރި އޭޑީކޭގެ ކޯލް ސެންޓަރު ހުޅުވައި ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ 27 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިރޭ އެ ކޯލް ސެންޓަރު ހުޅުއްވައި ދެއްވީ އޭޑީކޭ ގުރޫޕްގެ ޗެއާމަން އަހުމަދު ނާޝިދެވެ.
އޭޑީކޭގެ ކޯލް ސެންޓަރ ހުޅުވުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ނާޝިދު ވިދާޅުވީ މި ހުޅުވިގެން ދިޔަ ކޯލު ސެންޓަރުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލަށް ގުޅުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބި ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
ނާޝިދު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލް ފުޅާވެ ބޮޑު ވަމުންދާ ވަރަށް ކޯލު ސެންޓަރ ވެސް ފުޅާވެ އިތުރު ވަޒީފާތައް ހުޅުވިގެންދާނެ ކަމަށާއި އަދި މިނޫން ވެސް ކުޅުދުއްފުށީގައި ކުރެވެން ހުރި މަސައްކަތްތައް ބަލަމުންދާ ކަމަށް ނާޝިދު ވިދާޅުވި އެވެ.
އެގޮތުން ސިޓީ ހޮޓަލުގެ ވިޔަފާރި އާއި މެޑިކަލް ފެސިލިޓީސްއެއް ގާއިމު ކުރުމަށް ހުރި ކަންތައްތައް ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ ރަސްމީކޮށް ހުޅުވުނު މި ކޯލު ސެންޓަރުގައި 23 މުވައްޒަފުން މަސައްކަތްކުރާއިރު އޭޑީކޭއިން ވަނީ އެ މުވައްޒަފުންނަށް އެ ހޮސްޕިޓަލުގައި ވެސް ތަމްރީނުތަކެއް ދީފަ އެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ހުންނަ 5 ސްކޫލަށް އޭޑީކޭގެ ފަރާތުން ފަސްޓް އެއިޑް ކިޓެއް ހަވާލު ކޮށްދެއްވާފައި ވެއެވެ.
މިއީ އަމިއްލަ ކުންފުންޏަކުން ކުޅުދުއްފުށީގައި ހުޅުވި ފުރަތަމަ ކޯލް ސެންޓަރެވެ. ދިރާގުގެ ކޯލް ސެންޓަރު ވެސް ހުންނަނީ ކުޅުދުއްފުށީގަ އެވެ.