އޯޓިޒަމް ހުންނަ ކުދިންނަށް އެހީތެރިވުމުގެ ގޮތުންނާއި އޯޓިޒަމްގެ ހޭލުންތެރިކަން އިތުރު ކުރުމަށް ކުޅުދުއްފުށީގައި ހިންގުމަށް ރާވާފައިވާ ހަރަކާތަށް ކުޅުދުއްފުށީގެ ކުންފުނިތަކުން ތަރުހީބު ނުލިބޭކަމަށް އެކަން އިންތިޒާމު ކުރާ ފަރާތުން ހާމަކޮށްފި އެވެ.
މިކަމުގައި އިސްކޮށް އުޅުއްވާ އަބްދުއްރަޝީދު ސައީދު މިނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އޯޓިޒަމް އެވެއާރނެސް ހަރާކާތުގެ ކައުންޓް ޑައުން ފެށުމުގެ ގޮތުން ނީލަން ކިޔަންފެށި ދަނގަޑޭގެ ޖާޒީއަށް އަދިވެސް އެއްވެސް ހުށަހެޅުމެއް ނުލިބޭ ކަމަށާއި ކުޅުދުއްފުށީގެ ކުންފުނިތަކުން އެކަމަށް ތަރުހީބު ނުދޭ ކަމަށެވެ.
“ރަސްމީ ގޮތެއްގައި އޭޑީކޭ، ދިރާގު، އުރީދޫ އަދި އެސްޓީއޯއާ ނެގޯޝިއޭޓް ކޮށްފައިވާނީ. ޖަޒީ އާއެކު އަޅުގަނޑުމެން ޝެއަރ ކުރަން އޯޓިޒަމް އެވެއާރނެސް ޕްރޮގުރާމުގެ މުޅި ހަރަދުގެ ޕްރޮޕޯސަލް އެއް. އެހެން ނަމަވެސް މިހާތަނަށް އަޅުގަނޑުމެން ޝެއަރ ކުރި ފަރާތްތަކުގެ ތެރެއިން މިރަށުގެ ފަރާތްތަކުން ތަރުހީބެއް ނުލިބޭ.” ހދ. އޭއީސީގެ ޓީއާރުސީގެ ކޯޑިނޭޓާރ އަބްދުއްރަޝީދު ސައީދު ވިދާޅުވި އެވެ.
ކޯޑިނޭޓަރ ވިދާޅުވީ އޯޓިޒަމް ހަރަކާތުގެ ހަރަދުގެ އިތުރުން އެފަރާތްތަކުން ބޮޑަށް ރަށުގެ ފަރާތްތަކަށް ޕްރޮޕޯސް ކުރައްވަނީ ދަތުރު ފަތުރާއި އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަށެވެ. އެގޮތުން ގެސްޓު ހައުސްގެ ހިދުމަތް ދޭފަރާތްތަކުން އެކޮމޮޑޭޝަން ހަމަޖައްސަވައި ދެއްވުމަށާއި ހަނިމާދޫއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރައްވާ ފަރާތްތަކުން ހަނިމާދޫ ދަތުރު ހަމަޖައްސަވައި ދެއްވުމަށެވެ.
މި ހަރަކާތުގެ ކައުންޓްޑައުންގެ ގޮތުގައި އޯޓިޒަމް އެވެއަރނެސްގެ ތެރޭގައި ތަފާތު ގިންތި ތަކަށް ބަހާލައިގެން ތިރީސް ފަރާތެއްގެ ވީޑީއޯ ކުލިޕް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ފިލްމީ ފަންނާނުން، ކުޅިވަރު ކުޅުންތެރިން ދައުލަތުގެ ވަޒީރުން އަދި ފަސްޓް ލޭޑީގެ ވެސް މެސެޖެއް މި ކްލިޕް ތަކުގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވަ އެވެ.
“ލައިޓް އިޓް އަޕް ބްލޫ”ގެ ނަމުގައި އެޕްރީލް 1 ވަނަ ދުވަހުގެ 12 ޖަހާއިރު ކެންޕެއިނެއް ފަށާނެ ކަމަށާއި އޯޓިޒަމް ފެސްޓިވަލް އިންތިޒާމު ކުރައްވާ ފަރާތްތަކުގެ ޓާގެޓަކީ މުޅި ކުޅުދުއްފުށީ އެއްކޮށް ދިއްލާލުން ކަމަށްވެސް އަބްދުއްރަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން އޯޓިޒަމް ހަފްތާ ފާހަގަ ކުރުމަށް އޯޓިޒަމް އެވެއާރނެސް ޕްރޮޑަކްޓްސް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ޖޯޑު، ވްރިސްޓް ބޭންޑް، ތޮފި އަދި ޓީޝާޓު ފަދަ ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އޯޓިޒަމް ކުދިންނަށް އެހީތެރިވުމަށް އެޕްރޮޑަކްޓުތައް ބައްލަވައިގަތުމަށް އެދިލެއްވި އެވެ.
މިހަފްތާ ތެރޭގައި އޯޓިޒަމް ހަރަކާތުގައި އެހީތެރިވުމަށް 100 ވޮލަންޓިއަރުންނަށް ހޯދުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.