މާލެއިން ބޭރަށް ނުދެވޭ ގޮތަށް ދޫކޮށްލާފައިވާ މީހަކު ކޯޓުން ހުއްދަ ހޯދައިގެން ކައިވެނި ކުރުމަށް ހޯރަފުއްޓަށް ދަތުރު ކުރި މީހަކު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްުކުރި ދަޅަކާއެކު ހދ. ނޮޅިވަރަމުން ހައްޔަރު ކޮށްފި އެވެ.
27 އަހަރުގެ މި މީހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފަރުވާ ޕްރޮގުރާމުގެ ދަށުން މާލެއިން ބޭރަށް ނުދެވޭ ގޮތަށް ހަދާފައިވާ މީހެއް ކަމަށާއި އޭނާ ހައްޔަރު ކުރެވުނީ ހދ. ނޮޅިވަރަމް ބޯޓެއްގައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ. އަދި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ ދަޅު ފެނިފައިވަނީ އޭނާ ގެންގުޅުނު ތަކެތި ބަލާ ފާސް ކުރުމުގެ ތެރެއިން އޭނާގެ ބޮކްސާ ތެރެއިން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ނޮޅިވަރަމް އަށް އައި ބޯޓެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅެ އޭގެން ވިޔަފާރި ކުރާ ކަމަށް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި ހައްޔަރު ކުރެވުނު މި މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް 15 ދަުވަހުގެ މުއްދަތުގެ ތެރޭގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ.
މި މީހާއަކީ މާރާމާރީގެ މައްސަލަތަކުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. މި މައްސަލަ ދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންނެވެ.