ހއ އަތޮޅުގަައި އެއާޕޯޓެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު އެކަން ހއ. އަތޮޅު ކައުންސިލަށް ރަސްމީކޮށް އަންގާފައިނުވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
ހއ އަތޮޅު ކައުންސިލުން މިހެން ބުނެފައިވަނީ އެ އަތޮޅު ހޯރަފުށީގައި އެއާޕޯޓެއް އަޅުމުގެ މަސައްކަތް ސަރުކާރުން އިއުލާނު ކުރާނެކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވުމާ ގުޅިގެންނެވެ.
ހޯރަފުށީގެ އަޅަން ހަމަޖެހިފައިވާ ކަމަށް ބުނާ އެއާޕޯޓާ ގުޅޭގޮތުން “ސީއެންއެމް” އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ ހއ. ހުވަހަންދޫގައި އެއާޕޯޓެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެ ނޫހަށް ދީފައެއް ނުވެއެވެ.
އޮންލައިން ނޫސް “ސީއެންއެމް” އަށް މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ލަތީފް ވިދާޅުވީ ހޯރަފުށީގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް އިއުލާނުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ކައުންސިލަށް އެނގިފައި ނުވާކަމަށެވެ.
ހޯރަފުށީ ކައުންސިލުގެ ރައީސް އަލީ އާރިފް ވިދާޅުވީ ޕީޕީެއެމްއިން ހޯރަފުށީގައި އެއާޕޯޓެއް އެޅުމަށް ވައުދުވެފައި ނެތް ނަމަވެސް އެސަރަހައްދުގައި އެއާޕޯޓެއް ތަރައްގީ ކުރުމަކީ ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ހޯރަފުށީގައި އެއާޕޯޓެއް އަޅާ ވާހަކައަކީ އެ ރަށާ އެއްފަޅެއްގައި އޮންނަ ހުވަހަންދޫގައި އެއާޕޯޓު ތަރައްގީ ކުރާ ވާހަކަ ކަމަށެވެ. އެެހެން ނަމަވެސް މިހާރުގެ ސަރުކާރުން ހުވަހަންދޫގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމި ކަން ރަސްމީކޮން އަންގާފަ ނުވާ ކަމަށް ކައުންސިލްގެ ރައީސާ ހަވާލާދީ “ސީއެންއެމް”ގައި ބުނެފައި ވެއެވެ.