ހދ ކުޅުދުއްފުއްޓަކީ ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑު ރަށެއް ނަމަވެސް ރަށުގެ ރައްޔިތުންނަކީ އަމާންކަމާއި އެކުވެރިކަން ދަމަހައްޓާ ބައެއް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލް އަނިލް މިހެން ވިދާޅުވީ ޕީޕީއެމް ކޯލިޝަނުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އަދި މިހާރުވެސް އެދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.
އަނިލް ވިދާޅުވިގޮތުގައި ސިޔާސީ ދެކޮޅުވެރިކަމާއި ރުޅިވެރިކަން އަދި ސިޔާސީ ކަންކަމުގައި އަތޮޅު ތެރޭގެ ބައެއް ރަށްރަށުން އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.
“ކުޅުދުއްފުއްޓަކީ ސިޔާސީ ވާދަވެރިކަން ބޮޑު ރަށެއް ކަމުގައިވިޔަސް ތިޔައީ ތިޔަބޭފުޅުންގެ އަމިއްލަ ރަށުގެ އަމާންކަން، އެކުވެރިކަން ދަމަހައްޓަމުންދާ ބައެއް. އަޅުގަނޑު ހަމަ ރަށުން ބޭރު މީހެއްގެ ހައިސިއްޔަތުން ވަރަށް އުފަލާއެކު އެކަން ފާހަގަކޮށް ޝުކުރު ދަންނަވަން.” ޒުވާން އެޓާނީ ޖެނެރަލް އަނިލް ވިދާޅުވި އެވެ.
މެމްބަރު ނަޝީދުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕްރައިމަރީ ނުބޭއްވީ ރައީސް ޔާމީން ސީދާ ނަޝީދަށް ޓިކެޓު ދިނުމަށް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބުދުއްﷲ ޔާމީން ބޭނުންފުޅުވަނީ ވެސް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑި މެމްބަރު ނަޝީދަށް ލިބުން ކަމަށެވެ. އަދި މެމްބަރު ނަޝީދު މަޖިލީހުގައި އިންނަވަން ޖެހޭ ކަމަށް ރައީސް ޔާމިން ދެކެވަޑައިގަންނަވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދާއިރާ އިން ވަރަށް އުއްމީދީ މަންޒަރެއް ފެންނަކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ރަށަށް ތަރައްގީ ގެނެސް ދެވޭނީ ސަރުކާރަށް ތާއިދު ކުރާ ސަރުކާރުގެ މެމްބަރަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ތަފާތު ފިކުރުތަކުގެ ބޭފުޅުން މިއަދު އެބޭފުޅާއަށް ތާއީދު ކުރައްވަނީ ސަރުކާރުގެ ތެރެއިން ރަށަށް ތަރައްގީ ގެނެސްދެވޭނީ ސަރުކާރު ހިންގާ ފަރާތުގެ މަންދޫބަކަށް ކަން ގަބޫލު ކުރައްވާތީ ކަމަށެވެ.