ކުޅުދުއްފުށީގައި ހުންނަ އިލެކްޝަންސް ފޯކަލް ޕޮއިންޓަށް އިންތިހާބާ ގުޅޭ އެއްވެސް ބާވަތެއްގެ މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް ކުޅުދުއްފުށީ އިލެކްޝަންސް ފޯކަލް ޕޮއިންޓުން ހާމަކޮށްފި އެވެ.
ކުޅުދުއްފުށީގައި ހުންނަ އިލެކްޝަންސް ފޯކަލް ޕޮއިންޓާ ހަވާލުވެހުންނެވި އަލީ އިބްރާހިމް ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުން މަޖިލިސް އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާއެއް ކުޅުދުއްފުށިން މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށެވެ.
އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގައި ކުޅުދުއްފުށީ ދެ ދާއިރާއަށް ވޯޓު ލުމަށް 8 ވޯޓު ފޮށި ކުޅުދުއްފުށީގައި ބަހައްޓާފައިވާއިރު ހުރިހާ ފޮއްޓަކުންވެސް ހެނދުނު 8 ޖެހިއިރު ވޯޓު ލާންފަށާފައި ވެއެވެ. އަފީފުއްދީން ސްކޫލުގައި ބެހެއްޓި އެއް ވޯޓު ފޮށީގެ ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ވޯޓުލުމުގައި އިތުރު މައްސަލަތަކެއް ދިމާނުވެ އަމާންކަމާއެކު ވޯޓުލުމުގެ އެންމެހައި ކަމެއް ކުރިއަށް ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ވޯޓު ފޮށި ބަންދުކުރެވުމާއެކު ބައިގަޑިއިރުގެ ތެރޭގައި ވޯޓު ގުނަން ފެށި ވަގުތީ ނަތީއްޖާތައް އިއުލާން ކުރެވެމުން ދިޔަ އެވެ. އެގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ކުޅުދުއްފުށީގައި ބެހެއްޓިފައިވާ 4 ފޮށިން 762 ވޯޓު ލިބިވަޑައިގެން ކުރި ހޯއްދެވީ މިހާރުގެ މެމްބަރު މުހައްމަދު ނަޝީދެވެ.
އުތުރު ދާއިރާގައި ބެހެއްޓިފައިވާ 4 ފޮށީގެ ތެރެއިން އެންމެ ފަހުން ގުނާ ނިމި ވަގުތީ ނަތީއްޖާ އިއުލާނު ކުރީ ޖަލާލުއްދީން ސްކޫލް ހޯލުގެ އުތުރު ކޮޅުގައި ބެހެއްޓި ވޯޓު ފޮށިންނެވެ. ޖުމުލަ 973 ވޯޓު ހޯދައިގެން ކުޅުދުއްފުށީގައި ބެހެއްޓިފައިވާ އުތުރު ދާއިރާގެ ވޯޓު ފޮށިތަކުން ކުރި ހޯއްދަވާފައިވަނީ ސަރުކާރު ކޯލިޝަންގެ ކެނޑިޑޭޓް ނަސްރުއްﷲ އިސްމާއިލް އެވެ. އެހެންނަމަވެސް ދުވަހު ނޫސް “ހަވީރު” އަދި “ސަން އޮންލައިން” ގެ ނަތީޖާ ދައްކާގޮތުން މިހާރު ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެނޑިޑޭޓު އަބްދުލް ޣަފޫރު މޫސާ އެވެ.
ކުޅުދުއްފުށީގެ މި ދެ ދާއިރާއަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 6067 މީހުން އުޅޭއިރު ވޯޓު ދީފައިވަނީ މީގެ ތެރެއިން 4204 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުންނަމަ މިއަދުގެ މެންދުރާ ހަމައަށް ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެއެވެ.