ހަނިމާދޫ އެއާޕޯޓު އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރަން އުޅޭ ވާހަކައަކީ ސަރުކާރުގެ އަގު ވައްޓާލަން ބަޔަކު ފަތުރާ ދޮގު ވާހަކައެއް ކަމަށް ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާރ ޖެނެރަލް ސާމީ އަގީލް ވިދާޅުވެއްޖެ އެވެ.
ސާމީ އަގީލް މިހެން ވިދާޅުވީ ސޯޝަލް މީޑީއާގައި ދައުރު ވަމުންދާ ސިޓީ އަކާ ގުޅިގެން “ކުޅުދުއްފުށި އޮންލައިން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސާމީ އަގީލް ވިދާޅުވީ އެއީ ސަރުކާރުގެ އަގު ވައްޓާލަން ބަޔަކު ފަތުރަމުންދާ ދޮގު ވާހަކައެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
“މިއީ ސަރުކާރުގެ އަގު ވައްޓާލަން ބަޔަކު ފަތުރަމުންދާ ދޮގު ވާހަކަތަކެއް.” ސާމީ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އާއި ރާއްޖެ ޓީވީން އިއްޔެ ފެތުރި ހަބަރުގައި ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓް މިލިޓަރީ އެއާޕޯޓްއަކަށް ބަދަލުކުރުމަށް އިޤްތިސާދީ ކޮމެޓީން ފެބްރުއަރީ 13 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ. މި ސިޓީގައިވަނީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް ސޮއިކުރައްވައި، ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ފޮނުއްވާފައިވާ ކަމަށެވެ.
ދައުރުވަމުންދާ މި ސިޓީގައި އިތުރަށް ބުނެފައިވަނީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ނިންމާފައި ވުމާއެކު، ކައިރި ސަރަހައްދެއްގައި 2 އެއާޕޯޓެއް ހިންގުމަކީ އިގުތިސާދީގޮތުން ދެކޮޅު ޖެހޭ ކަމަކަށް ނުވާތީ، ހދ. ހަނިމާދޫ އެއާޕޯޓު މިލިޓަރީ އެއާޕޯޓަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއިން 13 ފެބުރުއަރީ 2014 ގައި ވަނީ ނިންމާފަވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، އެއީ ކަމުގެ ހަގީގަތް އޮޅުވާލައި އަދި އިއްޔެ ބޭއްވި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރާއްޖެ ޓީވީން ފެތުރި ހަބަރެއް ކަމަށެވެ. އަދި އެ މައްސަލައިގައި ރާއްޖެ ޓީވީއާ ދެކޮޅަށް ސަރުކާރުން ދައުވާ ކުރާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.