ވީހާވެސް އަވަހަކަށް ހދ އަތޮޅުގައި ރިސޯޓެއް ހުޅުވުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް އެ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ހދ އަތޮޅުގެ ރަށްތަކަށް އަތޮޅު ކައުންސިލުން ކުރަމުން އަންނަ ދަތުރުގައި ހދ. ނާވައިދޫ އަށް ޒިޔާރަތް ކުރައްވައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އަހުމަދު އާތިފް ވިދާޅުވީ ހދ އަތޮޅަކީ އާބާދީ ގޮތުން އެންމެ ބޮޑު އަތޮޅަށް ވާއިރު ހދ އަތޮޅުގައި ރިސޯޓެއް ނެތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ހދ އަތޮޅުގައި ރިސޯޓެއް ހުޅުވުމަށް އޮތް ވީހާވެސް “ކުރު” މަގަކީ ކޮބާތޯ ބަލައި އެމަގުން އެކަން ކުރުމަށް ކައުންސިލުން މަސައްކަތް ކުރައްވަމުންދާ ކަމަށް އާތިފް ވިދާޅުވި އެވެ.
ސަރުކާރުން ރިސޯޓް ތަރައްގީ ކުރުމަށް ހދ އަތޮޅުން ދޫކޮށްފައިވާ ރަށްތައް ގިނަ ދުވަސްތަކެއް ވީއިރު ރިސޯޓެއް ހުޅުވިފަ ނެތްކަން ފާހަގަ ކުރަވަމުން އާތިފް ވިދާޅުވީ އެފަރާތްތަކާ މެދު ވެފައިވާ އެއްބަސްވުން އުވާނުލެވިގެން އުޅެނީ އެޑްވާންސްގެ ގޮތުގައި ސަރުކާރުން ފައިސާ ނަގާފައިވާތީ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށިން ނުވަތަ ހަނިމާދޫ އިން ޕާސްޕޯޓު ލިބޭނެ ގޮތެއް ހޯދުމަށް ވެސް ކައުންސިލުން އިމިގްރޭޝަން ކޮންޓްރޯލާއާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އެފަރާތުން ވެސް އެކަމަށް ފެހި ސިގުނަލެއް ދެއްވާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
ހދ އަތޮޅު ކައުންސިލުން އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އަތޮޅުގެ 6 ރަށަކަށް މިހާރު ވަނީ ޒިޔާރަތް ކޮށް، އެ ރަށްރަށުގެ މުއައްސަސާތަކުގައި ހުރި މަސައްކަތްތައް ދެނެގަނެފަ އެވެ.