ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގެ ބުނެފައިވާ ގޮތަށް، އާއްމުންނަށް ހުޅުވާލައިގެން ބާއްވަން ޖެހޭ ބައްދަލުވުން ހދ އަތޮޅުގެ ދެ ރަށު ކައުންސިލެއް ފިޔަވައި އެހެން އެއްވެސް ރަށު ކައުންސިލަކުން ބާއްވާފައިނުވާ ކަމަށް ކައުންސިލުތަކުގެ ބަލަދުވެރި ފަރާތް، ލޯކަލް ގަވަރުމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
ހދ އަތޮޅުން މި ބައްދަލުވުން މި އަހަރު ބާއްވާފައިވަނީ ވައިކަރަދޫ އާއި ކުމުންދޫ ކައުންސިލުން އެކަންޏެވެ.
ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރެެއްގެ ފެބްރުއަރީ މަހާއި ޖުލައި މަހު ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ބާއްވަން ޖެހޭ ކަމަށެވެ. މީގެ ތެރެއިން ފެބްރުއަރީ މަހުގެ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް އަދި އޮޑިޓް ރައްޔިތުންނަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުގައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ފަދައިން ފެބުރުއަރީ މަހުގައި ބާއްވަން ޖެހޭ ބައްދަލުވުން މި އަތޮޅުގެ ގިނަ ރަށްތަކަކުން މި މާރޗް މަހުގެ ނިޔަލަށް އަދި ބާއްވާފައެއް ނުވެއެވެ. އަދި ހދ އަތޮޅުގެ އެއްވެސް ރަށަކުން ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައެއް ނުވެ އެވެ.
ހުސްވި ހަފުތާގެ ތެރޭގައި މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވެފައިވަނީ ރަށުގެ ރައްޔިތުންނާ މި ފެށޭ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބައްދަލުކުރައްވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތަށް ގިނަ ކައުންސިލްތަކަކުން އަމަލުކުރަމުން ނުދާއިރު، ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ.