މި އަހަރުގެ އޯޓިޒަމް ހަފުތާ ފާހަގަކުރުމުގެ ގޮތުން މާދަމާ ހަވީރު 6 ގެ ފަހުން ކުޅުދުއްފުށީގެ ބޮޑެތި މަގުތަކާއި ރަށުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ގިނަ ގޭގެއެއް ނޫކުލައިން ދިއްލާލާނެ ކަމަށް އޯޓިޒަމް އެވެއާރނެސް ޕްރޮގުރާމްގައި މަސައްކަތްކުރައްވާ ޓާސްކު ފޯހުން ބުނެފި އެވެ.
އެ ޓާސްކު ފޯހުން މައުލޫމާތު ދޭ ގޮތުގައި މިކަމަށް ވަރަށް ގިނަ ފަރާތްތަކަކުން ފެހި ސިގްނަލް ލިބެމުން އަންނަ ކަމަށާއި މިހަރަކާތްތައް ވަރަށް ކުލަގަދަކޮށް ކުރިއަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފަށައިގެން އޯޓިޒަމް ހަފުތާ ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔުމަށް ތަފާތު ހަރަކާތްތަކެއް ރޭވިފައިވަ ކަމަށް ވެސް އެފަރާތުން ހާމަކުރައްވަ އެވެ.
އެގޮތުން އޯޓިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ކުޅުދުއްފުށީގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާނީ ނޫކުލައިގެ ހެދުމެއް ލައިގެންނެވެ. އަދި ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އާއްމު ރައްޔިތުންވެސް މާދަމާ ނޫކުލަ ބޭނުންކުރެއްވުމަށް އެފަރާތްތަކުން އެދިލެއްވި އެވެ.
އިމާދުއްދީން ސްކޫލުގެ ސެން ކުލާހާއި ހދ. އަތޮޅު ތައުލީމީ މަރުކަޒުން އިންތިޒާމުކޮށްގެން ހިންގާ މިހަރަކާތްތަކުގައި މާލޭގެ ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން އިމާދުއްދީންގެ ޑެޕިއުޓީ ޕްރިންސިޕަލާއި ސެން ކުލާހުގެ ހުރިހާ ޓީޗަރުން އަދި އޯޓިޒަމް ހުންނަ ގިނަ ކުދިންތަކެއްގެ އިތުރުން އެކުދިންގެ ބެލެނިވެރިން ވަނީ އޯޓިޒަމް ފެސްޓިވަލަށް ރަށަށް އައުމަށް ހަމަޖެހިފަ އެވެ.
އަންނަ ބުރާސްފަތި ދުވަހު އެ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވާ އިރު އޯޓިޒަމް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ވަނަ ދުވަހުގެ ހަވީރު 4:00ގައި ބަންޑާރަ މައިދާނުގަ އެވެ.
މިހަރަކާތް ފެއްޓުމުގެ ގޮތުން ގިނަ އަދަދެއްގެ ފުއްޕާހަންތަކެއް ވައިގެ ތެރެއަށް ދޫކޮށްލުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކަމުގައި ޖަލާލުއްދީނާއި އޭއީސީ އަދި އަފީފުއްދީން ސްކޫލުގެ ދަރިވަރުންނާއި އަމީރު އަމީން އަދި އިރުމަތި އަވަށު ޕްރީ ސްކޫލުގެ ބެލެނިވެރިންގެ އިތުރުން އޯޓިޒަމް ހަރަކާތުގައި ބައިވެރިވާ ވޮލަންޓިއަރުން ބައިވެރިވާނެ އެވެ.
ފެސްޓިވަލް ކުރިއަށްދާ ވަގުތު ލައިވް ޝޯއެއް ކުރިއަށްދިޔުމުގެ އިތުރުން ހުކުރު ދުވަހުގެ ރޭ ލައިވް ސްޓޭޖް ޝޯއެއްވެސް ވަނީ ބޭއްވުމަށް ހަމަޖެހިފަ އެވެ.
ފެސްޓިވަލްގެ އިތުރުން ސްކޫލުތަކުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން އޯޓިޒަމް ކުދިންނާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއްވަނީ ބޭއްވުމަށް ހަމަޖެހިފަ އެވެ. މި ޕްރޮގުރާމުގައި އޯޓިސްޓިކް ކުއްޖެއް ދެނެގަންނާނެ ގޮތާއި އެކުއްޖާއާ މެދު އަމަލުތައް ބަހައްޓާނެ ގޮތުގެ އިތުރުން އޯޓިޒަމްއާ ބެހޭގޮތުން ކުރެވިފައި އޮންނަ ކުށްހީތަށް ބުނެދޭނެ އެވެ. މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުން އޯޓިޒަމް ފެސްޓިވަލްގެ ތެރެއިން ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
އޯޓިޒަމް ހަރަކާތް ބޭއްވުމަށް އެއްމެ ބޮޑު އެހީތަކެއް ވެދެއްވާފައިވާ ފަރާތްތަކެއްގެ ގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށާއި އިމާދުއްދީން ސްކޫލުގެ ސެން ކުލާހުގެ ޓީމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް އޯޓިޒަމް އެވެއަރނެސް ޓާސްކް ފޯހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޯޓިޒަމް ހަފުތާ މިއަހަރު ރަސްމީކޮށް ފާހަގަ ކުރަނީ ކުޅުދުއްފުށީގަ އެވެ.