އޯޓިޒަމް ހަފުތާ ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގެ އަމީނީމަގާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ގިނަ ގޭގެއެއް ނޫކުލައިން ދިއްލާލާފި އެވެ.
“ލައިޓް އިޓް އަޕް ބޫލޫ”ގެ ކެމްޕެއިންގެ ދަށުން ރޭ ފެށި މި “ދިއްލުން” މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. ރޭ ނޫކުލައިން ދިއްލާފައިވާ އިމާރާތަކާއި ފިހާރަތައް އަދި މަގުތައް ބަލާލުމަށްޓަކާ ގިނަ އަދަދެއް ކުޑަކުދިން ވަނީ ނިކުމެފަ އެވެ.
މިއީ މިފަދަ ދިއްލުމެއް މިހާ ފުރިހަމަ އަށް ކުޅުދުއްފުށީގައި ބޭއްވި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ކުޅުދުއްފުށީގެ ހުރިހާ ސްކޫލުތަކެއްގައި އޯޓިޒަމް ދުވަސް ފާހަގަ ކުރުމުގެ ގިނަ ހަރަކާތަކެއް ވެސް އިއްޔެ ކުރިއަށް ގެންގޮސްފަ ވެއެވެ.
އޯޓިޒަމްގެ ހަރަކާތައް މިހާރު ފެށިފައިވާއިރު މާދަމާ ހަވީރު ކުޅުދުއްފުށީ ބަނޑާރަމައިދާނުގައި މި ހަރަކާތް ފެއްޓުމުގެ ގޮތުން ގިނަ އަދަދެއްގެ ފުއްޕާހަންތަކެއް ވައިގެ ތެރެއަށް ދޫކޮށްލުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކަމުގައި ޖަލާލުއްދީނާއި އޭއީސީ އަދި އަފީފުއްދީން ސްކޫލުގެ ދަރިވަރުންނާއި އަމީރު އަމީން އަދި އިރުމަތި އަވަށު ޕްރީ ސްކޫލުގެ ބެލެނިވެރިންގެ އިތުރުން އޯޓިޒަމް ހަރަކާތުގައި ބައިވެރިވާ ވޮލަންޓިއަރުން ބައިވެރިވާނެ އެވެ.
ފެސްޓިވަލް ކުރިއަށްދާ ވަގުތު ލައިވް ޝޯއެއް ކުރިއަށްދިޔުމުގެ އިތުރުން ހުކުރު ދުވަހުގެ ރޭ ލައިވް ސްޓޭޖް ޝޯއެއްވެސް ވަނީ ބޭއްވުމަށް ހަމަޖެހިފަ އެވެ.
މިހަރަކާތުގައި ބައިވެރިވާ ފަރާތަކުން މިހާރު ދަނީ ކުޅުދުއްފުއްޓަށް ޒިޔާރާތް ކުރަމުންނެވެ.