ކުޅުދުއްފުށީގައި އަލަށް އިންތިހާބުކުރި ކައުންސިލުގެ އަމާޒަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންތައްތައް ރައްޔިތުންނާ ވީހާވެސް ގާތުން ކުރުން ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކައުންސިލުގެ އަމާޒަކީ ރައްޔިތުންނަން ދަތިވެފައިވާ ކަންތައް ސަރުކާރާ ހަމައަށް ގެންގޮސްދީގެން އެކަންތައް ކޮށްދިނުން ކަމަށެވެ. ރައްޔިތުން އެދޭ ފަދަ ފިސާރި ތަފާތު ކައުންސިލަކަށް އެކަައުންސިލު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައު ކައުންސިލުން ހުވާ ކުރުމަށް ފަހު އެ ކައުންސިލުން މިހާތަނަށް ކުރި މަސައްކަތްތަކާއި އަދި ކުރިއަށް އޮތްތަނުގައި ކުރުމަށް ހަމަޖެހިފައި ހުރި ބައެއް ކަންތައްތައް ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންނާ ހިއްސާ ކޮށްފަ ވެއެވެ.
2012 ވަނަ އަހަރުގެ ކައުންސިލު އިދާރާގެ އޮޑިޓް ރިޕޯޓް އެ ޖަލްސާގައި ރައްޔިތުންނާ ހިއްސާ ކޮށްފައިވާ އިރު ހިޔާނާތުގެ އެއްވެސް ކަމެއް ރިޕޯޓުގައި ނުވާ ކަމަށް އެރިޕޯޓު ހުށަހަޅާ ދެއްވި ކައުންސިލު އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާއިލް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ 7 ކައުންސިލަރުން ބައިވެރިވެލެއްވި މި ޖަލްސާގައި އާއްމުގެ ފަރާތުން ކައުންސިލާ ކުރިމަތި ކުރެއްވި ގިނަ ސުވާލު ތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ކައުންސިލުގެ ރައީސް ދެއްކެވީ ސުވާލާ ނުގުޅޭ ޖަވާބުކަން ޖަލްސާގައި ބައިވެރިވި ބައެއް އާއްމު ފަރާތްތަކުން ބުނެފައި ވެއެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ކޮންމެ އަހަރަކު މަދުވެގެން ދެ ފަހަރު ކައުންސިލްތަކުން އާއްމު ބައްދަލުވުމެއް ބާއްވަން ޖެހެއެވެ. އެ ބައްދަލުވުމުގެ ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި އަދި ކުރިއަށް އޮތް އަހަރުގެ ކައުންސިލުގެ ޕްލޭން ރައްޔިތުންނާ ހިއްސާކުރަން ޖެހެއެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންގެ ތެރެއިން ބައިވެރިވެފައިވަނީ ވަރަށް މަދު އަދަދެއްގެ ބަޔަކުކަން ފާހަގަކޮށްލެވެއެވެ.