ހދ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ފެހި ސިގްނަލް ޓޫރިޒަމް މިނިސްޓްރީން ދިީފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
އަތޮޅު ކައުންސިލުން މިހެން ބުނެފައިވަަނީ 3 ދުވަހުގެ ނިޔަލަށް އެކައުންސިލުގެ ރައީސް އާދަމް ނާސިރު އަދި ނޮޅިވަރަމް ދާއިރާގެ އެކައުންސިލުގެ މެންބަރު އަހުމަދު އިބްރާހިމް މާލޭގެ މިނިސްޓްރީތަކާ ބައްދަލުކުރުމަށް މިދިޔަ މަހުގެ 31 ން މިމަހުގެ 2 ވަނަ ދުވަހަށް ކުރި ދަތުރު ނިންމާލުމަށްފަހު އެނބުރި ކުޅުދުއްފުއްޓަށް ވަޑައިގެން މިނޫހަށް މައުލޫމާތު ދެއްވަމުންނެވެ.
އަތޮޅު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ އަބްދުލް މުހައިމިން ވިދާޅުވީ މިދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހދ. އަތޮޅުގައި ރިސޯޓު ތަރައްގީކުރުމާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މިގޮތުން އަލަށް ރިސޯޓު ތަރައްގީކުރަން ދޫކުރުމާއި ކުރިން ދޫކޮށްފައި ހުރި ރަށްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވުނު ކަމަށް އެކައުންސިލުން މައުލޫމާތު ދެ އެވެ. އެއަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމާއި މިހާތަނަށް ދޫކޮށްފައިވާ ރަށްތައް ގިނަ ދުވަސްތަކެއް ވެފައިވާ އިރު އަދިވެސް އެރިސޯޓުތައް ހުޅުވިފައިނުވާތީ ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ ފަރާތްތަކަށް އެކަން އަންގާ އެކަށީގެންވާ ސަޕޯޓް ނުލިބޭނަމަ ސަރުކާރުން އެހެން ފަރާތްތަކާ “ނެގޯޝިއޭޓް” ކޮށް މިއަހަރުގެ ތެރޭގައި ހދ. އަތޮޅުގައި ރިސޯޓު އަޅާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ކައުންސިލުން އެދޭނަމަ މިހާރު އެއަތޮޅުގައި ދަނޑުވެރިކަންކުރާ ރަށެއް ކަމަށްވާ ވައިކަރަމުރައިދޫގައި ރިސޯޓު ތަރައްގީ ކުރުމަށް އެއްބާރުލުން ލިބޭނެކަމަށެވެ.
މިދަތުރުގައި ހދ. އަތޮޅުން ޕާސްޕޯޓު ހެދޭނެ ނިޒާމެއް ހަމަޖެއްސުމަށް މަޝްވަރާތަކެއް ކުރެވިފައިވާނެ ކަމަށާއި މިއަންނަ ހޮނިހިރު ދުވަހު ޑިޕާޓުމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޓެކްނިކަލް ޔުނިޓެއް ރަށަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވަ އެވެ.
މިއަތޮޅުގައި ހުރި ތަފާތު ބޮޑެތި މައްސަލަތައް ހިއްސާކޮށް އެކަންތައްތަަކަށް ހައްލެއް ހޯދުމަށް އަތޮޅު ކައުންސިލުގެ ދަތުރުގައި މަސައްކަތް ކުރެއްވި ކަމަށް އެފަރާތުން ހާމަކުރެ އެވެ.