ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ އިންޓަނެޓް ބޭންކިން ހިދުމަތުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށް ކަމަށް އެ ބޭންކުން ބުނެފި އެވެ.
ގައުމީ ބޭންކުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ބޭނުން ނުކުރުމަށް އެދި “އެންސީއައިޓީ”ގެ ނަމުގައި ފަތުރަމުންދާ މެސެޖަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވޭ ވެސެޖެއް ނޫންކަމަށާއި އަދި އެއީ އެންސީއައިޓީ އިން ފަތުރާފައިވާ މެސެޖެއް ނޫން ކަމަށެވެ.
އެންސީއައިޓީގެ ނަމުގައި ފަތުރަމުންދާ އެ މެސެޖުގައި ބުނެފައިވަނީ، ނުރައްކާތެރި އިންޓަނެޓް ވައިރަހެއް ކަމަށްވާ “ހާޓްބްލީޑް” ބޭނުންކޮށްގެން ކަސްޓަމަރުންގެ ކްރެޑިޓް ކާޑް ނަމްބަރާއި، ޔޫޒަރނޭމްއާއި ޕާސްވޯޑް ފަދަ މައުލޫމާތު ހޯދޭނެތީ، އީބޭންކިންގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުން މިއަދު އެ ހިދުމަތް ބޭނުން ނުކުރުމަށް އެންސީއައިޓީން އިލްތިމާސް ކުރާ ކަމަށެވެ.
“އޯޕަންއެސްއެސްއެލް އިޝޫވަނީ، ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިމަތިވެފައި. އޭގެ ތެރޭގައި މަޝްހޫރު ވެބްސައިޓްތައް ހިމެނޭ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޔަގީންކަން ދެން ބީއެމްއެލްގެ އިންޓްނެޓް ބޭންކިން ސައިޓުގެ ރައްކާތެރިކަމާ މެދު. ނަމަވެސް އަޅުގަނޑުމެން އެދެނީ އިތުރު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަސްޓަމަރުން ޕާސްވޯޑް ބަދަލުކުރެއްވުމަށް ،” ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
“ދުނިޔޭގެ އެތައް ގައުމެއްގެ މިފަދަ ހިދުމަތް ދޭ ފަރާތްތަކަށް ކުރިމަތިވި، ކޮމްޕިއުޓަރު ވައިރަހެއް ކަމަށްވާ، ‘ހާޓްބްލީޑް’ގެ ސަބަބުން އަޅުގަނޑުމެންގެ އީބޭންކިންއަށް ވެސް އަސަރު ކޮށްފާނެތީ، އަޅުގަނޑުމެންނަށް މި މައްސަލަ ފާހަގަކުރެވުމާއެކު 30 މިނިޓަށް ހިދުމަތް މެދު ކަނޑާލިން، އެއަށްފަހު އިތުރަށް ޗެކް ކޮށް އިންޓަރނެޓް ބޭންކިންގެ ޚިދުމަތްވަނީ ފަށާފައި. އެންމެ ފުރަތަމަ އަށް މިމައްސަލަ ހައްލުކޮށް ވެބްލިންކުގެ ޚިދުމަތް ފޯރުކޮށްދިން ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް ހިމެނޭ.” ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އިންޓަނެޓް މުއާމަލާތްތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ އޯޕަން ސޯސް ސޮފްޓްވެއާ އެއްކަމަށްވާ އޯޕަންއެސްއެސްއެލްގައި ބޭނުންކުރާ ވެބްސައިޓްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ކޮމްޕިއުޓަރު ވައިރަހެއް ކަމަށްވާ، “ހާޓްބްލީޑް”ގެ ނުރައްކާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައްބަޔަކު ތަހައްމަލު ކުރަންޖެހުނުއިރު، އޯޕަންއެސްއެސްއެލް އަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މި “ބަގް”ގެ އެހީގައި ވެބްސައިޓްތަކުގެ ޑާޓާބޭސްތަކުގައި ރައްކާކޮށްފައި ހުންނަ، “ޔޫޒަރ ނޭމް”، “ޕާސްވޯޑް” ފަދަ ނާޒުކު މައުލޫމާތުތައް ހޯދޭކަމަށް ވެއެވެ. އެގޮތުން ސެކިއުރިޓީ ފާމްތަކުން ބުނެފައިވަނީ، އެތަންތަނަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މަޝްހޫރު “ޔާހޫ”ގެ ޑޭޓާބޭސްގައި ރައްކާކޮށްފައި ހުރި މިފަދަ މައުލޫމާތުތައް އެމީހުންނަށް ފެނިފައިވާ ކަމަށެވެ.
އޯޕަންއެސްއެސްއެލް ޕްރޮޖެކްޓް ސައިޓުގައި ބުނެފައިވަނީ، އެ ސޮފްޓްވެއާއަށް ސަލާމަތީގޮތުން ނުރައްކާތަކެއް އިހްސާސްކުރެވިފައިވާތީ އެކަން ރަނގަޅު ކުރުމަށް އަޕްޑޭޓްތަކެއް މިހާރު ނެރެފައިވާނެ ކަމަށެވެ. އަދި އޯޕަންއެސްއެސްއެލް ވާޝަން 1.0.1 ގެ ކުރީގެ ވާޝަންތަކަށް އެ ބަގްގެ ނުރައްކާ ނެތްކަމަށާއި އެހެން ވާޝަންތައް އަޕްގްރޭޑް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އޯޕަންއެސްއެސްއެލްގައި ބޭނުންކުރާ ވެބްސައިޓްތަކުގެ ސަލާމަތީ، ކަންކަން ޓެސްޓްކުރުމަށް ހާޓްބްލީޑް ޓެސްޓް މި ލިންކަށް ޒިޔާރަތް ކުރުމަށް ފަހު ބޭނުންވާ ވެބްސައިޓްގެ “ޔޫއާރްއެލް” ނުވަތަ “ހޯސްޓް ނޭން” ޖެހުމުން އެއީ ރައްކާތެރި ވެބްސައިޓެއްތޯ ނުވަތަ ނޫންތޯ ބުނެދެއެވެ.