ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓިންގެ ހިދުމަތް ކުޅުދުއްފުށީގައި ކުޅުދުއްފުށީ އޮންލައިން އިން ފަށައިފި އެވެ.
މޯލްޑިވިއަންގެ ޓިކެޓިންގެ ހިދުމަތް ފެށުމަށްޓަކައި މިއަދު ހަވީރު ކުޅުދުއްފުށި އޮންލައިން އޮފީސް ކުރިމަތީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، މިހިދުމަތް ފައްޓަވައި ދެއްވީ ޝަރަފްވެރި މެހެމާން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރީޖަނަލް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުޙައްމަދެވެ.
ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކާގައި، މިއަދު ފެށި ޓިކެޓިންގެ ހިދުމަތުގެ ސަބަބުން ކުޅުދުއްފުށީ ރައްޔިތުންގެ އިތުރުން މިސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން ހަބަރާއި މައުލޫމާތުގެ ދާއިރާގައި ކުޅުދުއްފުށީ އޮންލައިން އިން އަދާކުރަމުންދާ ދައުރު ފާހަގަ ކުރެއްވި އެވެ. އަދި ހަބަރާއި މައުލޫމާތު ގެނެސްދިނުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވެފައިވާ ތަފާތު ހިދުމަތެއް މޯލްޑިވިއަންއާ ގުޅިގެން ފެށުނު ކަމަށްޓަކައި މަރުހަބާ ދެންނެވި އެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ އޮންލައިންގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ގައުމީ އެއަރލައިން މޯލްޑިވިއަން އިން ދަތުރު ކުރާ ކޮންމެ ޑެސްޓިނޭޝަނަކަށް ދަތުރުކުރުމަށް ވެސް ކުޅުދުއްފުށި އޮންލައިން މެދުވެރިކޮށް ޓިކެޓް ބައްލަވައި ގަނެވޭނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ޑެސްޓިނޭޝަންތައް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ބަދުރުއްދީން ވަނީ މޯލްޑިވިއަންގެ ޓިކެޓިންގެ ހިދުމަތާއެކު ޕްރޮމޯޝަނެއް ފައްޓަވައި ދެއްވާފަ އެވެ.
“ކުޅުދުއްފުށި އޮންލައިން މެދުވެރިކޮށް ފުރަތަމަ 2 މަސް ދުވަހުގެ ތެރޭ ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ނެގޭނެ. އަދި ނަސީބުވެރި ފަރާތަކަށް އަގުހުރި އިނާމެއް ދެވޭނެ.” ބަދުރުއްދީން ވިދާޅުވި އެވެ.
ކުޅުދުއްފުށި އޮންލައިން އިން މިހިދުމަތް ފެށުމާއެކު މޯލްޑިވިއަންގެ ޓިކެޓް ކުޅުދުއްފުށި އޮންލައިންގެ އޮފީހުން ލިބެން ހުންނާނެ އެވެ. އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި 6528355 އަށް ގުޅުއްވައިގެން ޓިކެޓް ބުކިން ހެއްދެވޭނެ އެވެ. ބުކިން ހެއްދެވުމަށްފަހު އޮފީހަށް ވަޑައިގެން ޓިކެޓަށް ފައިސާ ދެއްކެވުމުން ޓިކެޓް ލިބިވަޑައިގަންނަވާނެ އެވެ. ނުވަތަ ބުކިން ހެއްދެވުމަށްފަހު ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ޕްރޫފް މެއިލް ކޮށްދެއްވުމުން، އީމެއިލް އަށް ވެސް ޓިކެޓް ފޮނުވައި ދެވޭނެ އެވެ.
ކުޅުދުއްފުށީ އެކި އިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެލެއްވި މިރަސްމިއްޔާތުގައި ކުޅުދުއްފުށީ މަޝްހޫރު ބޮޑުބެރު މިސްގާލްގެ އައިޓަމްތަކެއް ހުށަހެޅުން ވެސް އޮތެވެ.