ވޯލްޑް ކަޕް އިޝްތިހާރު ކުރުމުގެ ގޮތުން ބާއްވާ ކޮކާ ކޯލާ ގޯލްޑް ކަޕް މުބާރާތުގައި ބައިވެރިވާ ކުޅުދުއްފުށީގެ ޓީމު މިއަދު މާލެ ދިއުމަށް ފުރައިފި އެވެ.
މިއަދު ކުޅުދުއްފުށިން މި މުބާރާތަށް ފުރި ޓީމުގައި ހިމެނެނީ 10 ކުޅުންތެރިންނާއި 3 އޮފިޝަލުންނެވެ.
ކުޅުދުއްފުށީ އޮންލައިންއާ ފޯނުން ވާހަކަ ދައްކަމުން ޓީމުގެ އޮފިޝަލަކު ވިދާޅުވީ މުބާރާތުގައި ޓީމުގެ އަމާޒަކީ ތަށި ހޯދުން ކަމަށެވެ. މީގެ އިތުރުން މިމުބާރާތަށް ޓީމު އެކަށީގެންވާ ވަރަށް ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން ގާތްގަނޑަކަށް 10 ދުވަހުގެ ޕްރެކްޓިސް ކުރެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ. އަދި މިއީ ރަށު ރޫހުގައި ކުރާ ކަމެއް ކަމަށާއި ވީހާވެސް ގިނަ ބޭފުޅުން ދަނޑަށް ވަޑައިގެން ޓީމަށް ހިތްވަރު ދިނުމަށް އޭނާ އެދިލެއްވި އެވެ.
އޮފިޝަލް މިނޫހަށް އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުބާރާތަށް އެފްއޭއެމްގެ ފަރާތުން މާލޭގައި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށާއި ކެއުމުގެ ކަންތައްތައް ހަމަޖައްސަވާ ދެއްވާނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ކަމަށެވެ. އަދި ކުޅުދުއްފުށީ ކައުންސިލަށާއި ފުރޮންޓް ލައިން ފިހާރައިގެ އިތުރުން އީގަލް އައުޓްފިޓް އަދި ރިއަލް ޕޮއިންޓުން ވެދީފައިވާ އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ކޮކާކޯލާއާ ގުޅިގެން އޭވައިއެލްއިން އިންތިޒާމް ކުރަމުން އަންނަ މި މުބާރާތަކީ ޖޫން މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ރާއްޖޭގައި ގަދަކުރުމުގެ ގޮތުން ބޭއްވޭ މުބާރާތެކެވެ.
ހަތް މިނެޓްގެ 2 ހާފު ކުޅޭގޮތަށް ހަތް ކުޅުންތެރިން އަރައިގެން ކުޅޭ މިމުބާރާތް ބޮޑަށް އަމާޒު ކޮށްފައިވަނީ އުމުރުން ދުވަސްވީ މަޝްހޫރު ކުޅުންތެރިންނަށެވެ. 35 އަހަރުން މަތީގެ 8 ކުޅުންތެރިން އަދި 35 އަހަރުން ދަށުގެ 2 ކުޅުންތެރިން ޓީމު ލިސްޓުގައި ޖެހޭ ގޮތަށް ކުޅެވޭ މި މުބާރާތުގައި ވޭތުވެ ދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ކުޅުންތެރިޔަކަށް ނުކުޅެވޭނެ އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ޓާފް ދަނޑުގައި ކުރިޔަށް ދާ މި މުބާރާތުގައި 32 ޓީމު ވާދަކުރާއިރު ކޮންމެ ޓީމެއްވެސް ކުޅޭނީ އެޓީމަކަށް ލިބިފައިވާ ޤައުމުގެ ޖާޒީގަ އެވެ. އަދި މުބާރާތް ކުޅެވޭނީ ވޯލްޑް ކަޕް ޝެޑިއުލްއާ އެއްގޮތަށެވެ. މިގޮތުން ކުޅުދުއްފުށީގެ ޓީމަށް ލިބިފައިވަނީ ޖަޕާން އެވެ.
އޭޕްރީލް 24 ން މޭ 18 އަށް ކުރިއަށްދާ މިމުބާރާތުގައި ކުޅުދުއްފުށީ ޓީމުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 25 އަދި 29 ގެ އިތުރުން މޭ 3 ގައި އެވެ.