ހަރުމުދަލާ ގުޅޭ ކަންތައްތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހދ. ކުޅުދުއްފުށީ ކައުންސިލުން ބަލަހައްޓާފައި ނުވާ ކަމަށް 2012 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒް ސޮއިކުރައްވާ އާއްމުކޮށްފައިވާ ކުޅުދުއްފުށީ ކައުންސިލުގެ 2012 ވަނަ
އަހަރުގެ ހާއްސަ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ކައުންސިލު އިދާރާގެ ހަރުމުދަލުގެ ރަޖިސްޓަރީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 7.01 ވަނަ މާއްދާއާ އެއްގޮތަށް ފުރިހަމަ ކޮށްފައިނުވާ ކަމަށާއި އަދި ހަރުމުދަލުގެ ރަޖިސްޓަރީގައި މުދަލުގެ އަގާއި މުދާ ލިބުނު ތާރީހު ހިމަނާފައި ނުވާއިރު ބައެއް މުދަލުގައި ޖަހަން ޖެހޭ އައިޑެންޓިފިކޭޝަން ނަންބަރުވެސް ޖަހާފައި ނުވާ ކަމަށެވެ. މިހެން ވުމުން ކައުންސިލު އިދާރާއަށް މިހާތަނަށް ބައްލަވައިގެންފައިވާ ތަކެތީގެ ތެރެއިން ހަރުމުދަލުގެ ގޮތުގައި ބެލެވޭ ތަކެތި އެއިދާރާގައި ހަމަޔަށް ހުރިކަން ޔަގީން ކުރެވިފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން 10 ކަމެއް ގާނޫނުގައިވާ ގޮތަށް ކުޅުދުއްފުށީ ކައުންސިލުން ފުރިހަމަ ކޮށްފައި ނުވާތީ އެކަންތައްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް އެކައުންސިލަށް ލަފާއަރުވާފައިވާ ކަމަށް އެރިޕޯޓުގައިވެ އެވެ.
އެގޮތުން އޮޑިޓާރ ޖެނެރަލް އިސްލާހު ކުރުމަށް ކައުންސިލަށް އަންގަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލު އިދާރާގެ މާލީ ބަޔާންތައް ހުށަހެޅުމާއި ކައުންސިލު ބަޖެޓު ފާސްކުރުމާއި ވައުޗަރ ނިޒާމުގައި ބޭނުން ކުރަންޖެހޭ ލިޔެ ކިޔުންތައް ފުރިހަމައަށް ތައްޔާރުކޮށްފައި ނުވުމުން އެކަން އިސްލާހު ކުރުމާއި ކައުންސިލުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓާފައި ނުވާތީ އެކަން އިސްލާހު ކުރުމަށް ވެސް 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެ އެވެ. އަދި މީގެ އިތުރުން ޗެކް ރަޖިސްޓަރީ ތައްޔާރުކޮށްފައި ނުވުމާއި ފައިސާގެ ރަސީދު ތަރުތީބުން ސީރިއަލް ނަންބަރު ޖަހާފައި ނެތުމާއި ތިޖޫރީ ރިޕޯޓު ތައްޔާރުކޮށްފައި ނުވާތީ އެކަންތައްތައް އިސްލާހުކުރުމަށް ވެސް އެރިޕޯޓުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ 7 ކައުންސިލަރުން ތިބި ކުޅުދުއްފުށީ ކައުންސިލުގެ 2012 ވަނަ އަހަރުގެ ހާއްސަ އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ކައުންސިލުން ކޮށްފައިވާ ދަތުރުތައް ނިންމުމަށްފަހު ދަތުރުގެ ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މުވައްޒަފުންނާ ގުޅޭ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައި ނުވުމާއި ނުރަސްމީ ގަޑި ތަކުގައި މުވައްޒަފުން ކުރައްވާ މަސައްކަތްތަކުގެ ރެކޯޑުތައް ބަލަހައްޓާފައި ނުވާކަމަށް ވެސް އެރިޕޯޓުން ހާމަވެފައިވެ އެވެ.
ވޭތުވެދިޔަ ކުޅުދުއްފުށީ ކައުންސިލުގެ ރިޔާސަތުގައި ތިން ބޭފުޅަކު ވަނީ އިންނަވާފަ އެވެ. އެއީ ފުރަތަމަ ޖަމްޝީދު މުހައްމަދާއި ކައުންސިލުގެ މެދުތެރެއިން އިބްރާހިމް ރަމީޒް އަދި ކައުންސިލްގެ ދައުރު ނިމުނު އިރު ކައުންސިލުގެ ރައީސްގެ މަގާމުގައި އިންނެވީ ހަސަން އަލީ އެވެ. ނިމިދިޔަ ކައުންސިލުގެ ނާއިބު ރައީސް އަކީ ފާރޫގު މުހައްމަދެވެ.