އަފީފުއްދީން ސްކޫލުގެ 10 ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އެސްކޫލުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެސްކޫލުން ބުނެފި އެވެ.
އެސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި މިމަހުގެ 19 ވަނަ ދުވަހު ބެލެނިވެރިން އަދި ސްޓާފުން ގެ ޓީމަކާއި ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޓީމެއް ފުޓުބޯޅަ މެޗެއް ވަނީ ކުޅެފަ އެވެ. މިމެޗު 2-4 ން ކާމިޔާބު ކުރީ ބެލެނިވެރިންނާއި މުވައްޒަފުންގެ ޓީމެވެ.
އަހަރީ ދުވަހާ ގުޅުވައިގެން މާދަމާ ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެސްކޫލުން މައުލޫމާތު ދެއްވަ އެވެ. މިއެސެމްބްލީގައި ވަރަށް ހާއްސް ފޮޓޯ ޕްރެޒެންޓޭޝަނެއްގެ އިތުރުން ސްކޫލުގެ ދަރިވަރުންނާއި މެނޭޖުމެންޓުގެ ފަރާތުން ވާހަކަ ދެއްކުން އޮންނާނެ ކަމަށް އަފީފުއްދީން ސްކޫލުން ހާމަކުރެ އެވެ.
މީގެ އިތުރުން ޕޮލިހާއި އެމްއެންޑީއެފްގެ އިތުރުން ޕަބްލިކް ހެލްތު އަދި ކަސްޓަމްސް ފަދަ މުއައްސަސާތަކުގެ ބޭފުޅުން މާދަމާގެ ސެޝަންގައި މައުލޫމާތު ދެއްވާނެ ކަމަށް އެސްކޫލުން ހާމަކުރެ އެވެ.
އަފީފުއްދީން ސްކޫލުގެ އަހަރީ ދުވަސް ކަމަށްވާ އެޕްރީލް 25 ވާ ހުކުރު ދުވަހު ހަވީރު 4 އިން 6 އަށް އަފީފުއްދީން ސްކޫލުގެ ގޯތި ތެރޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިހަވީރުގައި ސްކޫލުގެ ދަރިވަރުންގެ އިތުރުން އެހެން ކުދިންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެސްކޫލުން މައުލޫމާތު ދެއްވި އެވެ.
އަފީފުއްދީން ސްކޫލު ހުޅުވާފައިވަނީ 2004 ވަނަ އަހަރު އެވެ.