މިއަންނަ ޖޫންމަހު ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި މުޅިން އަލަށް 12 ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޔުނިވާސިޓީއިން ބުނެފި އެވެ.
ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީގައި ހުންނަ ޔުނިވާސިޓީ ކެމްޕަހުގެ މެނޭޖަރ އިބްރާހިމް މުހައްމަދު ވިދާޅުވީ ޑިގްރީ ފެންވަރުގެ 7 ކޯހެއް މުޅިން އަލަށް ފަށަން ހަމަޖެހިފައިވާ ކަމަށާ ޕޯސްޓު ގްރެޖުއޭޓް ފެންވަރުގެ 2 ކޯހެއް އަލަށް ކުޅުދުއްފުށީ ކެމްޕަހުގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އިތުރު އެހެން ތިން ކޯހަކާއެކު 12 ކޯހެއް ކެމްޕަހުގައި އަލަށް ފަށާ ކަމަށެވެ.
އެގޮތުން މުޅިން އަލަށް ފަށާ ޕޯސްޓު ގްރެޖުއޭޓު ފެންވަރުގެ 2 ކޯހަކީ އިނގިރޭސި އަދި ދިވެހި މާއްދާގެ ޕޯސްޓު ގްރެޖުއޭޓް ޑިޕްލޮމާ ކޯސްތަކެވެ. ޑިގްރީ ފެންވަރުގެ ކޯސްތަކަކީ ބެޗްލަރ އިން ޕްރައިމަރީ އެޑިއުކޭޝަން އަދި އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ އިތުރުން ދިވެހި ބަހާއި އަދަބުގެ ޑިގްރީ ފެންވަރުގެ ކޯސްތަކާއި ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީގެ ފައުންޑޭޝަން ލެވެލް 2 ގެ ކޯސްތަކެވެ.
އަދި ބެޗްލަރ އިން ޓޫރިޒަމް މެނޭޖުމެންޓާއި ސައިންސް އެންޑް ހޮސްޕިޓާލިޓީ މެނޭޖުމެންޓުގެ މާކެޓިންގެ އިތުރުން ސައިންސް އެންޑް ހޮސްޕިޓާލިޓީ މެނޭޖުމެންޓުގެ ހިއުމަން ރިސޯސްގެ ބެޗްލަރ ކޯހެއް ފެށުމަށް ހަމަޖެހިފައިވެ އެވެ. ބިޒްނަސް ދާއިރާއިން އަލަށް ފަށާ ކޮންމެ ކޯހަކަށް 20 ޖާގަ ހުޅުވާލެވިފައިވެ އެވެ.
މީގެ އިތުރުން ދިވެހި ބަހާއި އަދަބުގެ އެޑްވާންސްޑް ޑިޕްލޮމާ އާއި އިސްލާމް ކިޔަވައިދިނުމުގެ ޑިޕްލޮމާ ކޯހެއްގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ޑިޕްލޮމާ ކޯހެއް ހަވީރު ދަންފަޅީގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.
ކޯސްތަކުގެ ގަޑިތަކާ ބެހޭގޮތުން މިނޫހާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަވީރު ދަންފަޅި ކަމަށް ބުނެފައިވާ ކޯސްތައް ބާއްވާނީ އޮފީސްތަކާއި އެހެނިހެން މުއައްސަސާތަކުގައި އުޅޭ ބޭފުޅުންނަށް ކުލާސްތަކުގައި ބައިވެރިވެވޭ ގަޑިތަކެއްގައި ކަމަށެވެ. އަދި ކުރިން ހިންގާފައިވާ ކޯހެއްގައި އެއްމެ ދަރިވަރަކަށް ހެނދުނު ދަންފަޅީގައި ބައިވެރިވެވެން ނެތުމުން ކުލާސްތަކުގެ ގަޑި ބަދަލުކޮށްފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ކެންޕަހުގައި 39 ކޯހެއްގައި 970 ޖާގައެއް މިއަންނަ ޖޫން މަހުގައި ފަށާ ކޯސްތަކަށް ހުޅުވާލެވިފައިވެ އެވެ.