ހދ އަތޮޅުގައި ފުޅ ާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ވައިކަރަމުރައިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހދ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.
ހދ އަތޮޅު ކައުންސިލުގެ ތަރުޖަމާނު އަބްދުލް މުހައިމިން ވިދާޅުވި ގޮތުގައި ހދ އަތޮޅު ބޮޑަށް ފައިދާ ކުރާނީ ވައިކަރަމުރައިދޫ ދަނޑުވެރިކަމަށް ދޫކޮށްފައި ބޭއްވުމުންތޯ ނުވަތަ ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްގެންތޯ ބެލުމަށް އެ ކައުންސިލުގައި އިއްޔެ ނެގި ވޯޓުން ކައުންސިލުގެ އިއްތިފާގުން ފާސްވެފައިވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް އެރަށް ދޫކުރުމަށެވެ.
އިއްޔެ ބޭއްވި ކައުންސިލު ބައްދަލުވުމުގައި އެ ގޮތަށް ނިންމުމާ ގުޅިގެން އެ ރަށް ތަރައްގީ ކުރުމަށް ގޮވާލާ ސަރުކާރަށް ގަރާރެއް ފޮނުވުމަށް އެ ކައުންސިލުގެ ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.
ހދ އަތޮޅު ކައުންސިލުގެ ތަރުޖަމާނު އަބްދުލް މުހައިމިން ވިދާޅުވީ މިއަންނަ ހަފްތާގެ ތެރޭގައި އެމަސައްކަތް ކުރައްވާނެ ކަމަށެވެ.
މުހައިމިން ވިދާޅުވީ ވައިކަރަމުރައިދޫ އަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެއް ކަމުގައިވިޔަސް އެރަށް ދޫކޮށްފައިވާ ފަރާތް ނިޔާވެފައިވާތީ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ސަރުކާރަށް އެ ރަށް ނަގަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެހެން އެކަން ނިމިފައިނުވާތީ އެކަމާ ބެހޭގޮތުން ސަރުކާރާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ހދ. އަތޮޅު ކައުންސިލުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ވައިކަރަމުރާދޫ އަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި މިހާރުވެސް ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ހދ. ހޮނޑާފުއްޓަށް ވެސް ކައުންސިލުން ވަނީ ޒިޔާރަތް ކޮށްފައެވެ.