twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކަނޑިތީމުގައި އާރތް ކޮށްފައިހުރި ޓަވަރަކަށް ހޮނު އަޅައިފި

Apr 24, 2014

ގުގުރުމާއެކު އިއްޔެ ކުރި ވިއްސާރާގައި ށ. ކަނޑިތީމުގައި އިންޓަނެޓް ހިދުމަތް ދިނުމަށް ޖަހާފައިހުރި ޓަވަރަކަށް ހޮނު އަޅާ ގެއްލުންތަކެއް ވެއްޖެ އެވެ.

ގުގުރުމާއެކު އިއްޔެ ކުރި ވިއްސާރާގައި ހޮނުއަޅާފައިވަނީ އަމިއްލަ ފަރާތަކުން އިންޓަނެޓް ފޯރުކޮށްދިނުމަށް ޖަހާފައި ހުރި 65 ފޫޓުގެ ދިގު ޓަވަރަކަށެވެ. ހޮނުއެޅި މިޓަވަރަކީ އާރތުވެސް ކޮށްފައިވާ ޓަވަރެކެވެ.

ކަނޑިތީމު ކައުންސިލުގެ ރައީސް އަލީ ރިފާޒު މިނޫހަށް ވިދާޅުވީ އިއްޔެ މެންދުރުފަހު ކުރި ވިއްސާރާގައި ހޮނު އަޅާފައިވަނީ އެރަށުގައި ހުންނަ އަމިއްލަ ފަރާތަކުން އިންޓަނެޓް ހިދުމަތް ދިނުމަށް ޖަހާފައިހުރި “ކޯއެކްސް”ގެ ޓަވަރަށް ކަމަށެވެ. މީގެ އިތުރުން ބައެއް ގޭގޭގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހޮނުއެޅުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ ކޯއެކްސް ނެޓް ހިދުމަތަށާއި އެރަށުގައި ދެމުން އަންނަ ކޭބަލްޓީވީ ނެޓްވޯކަށް ކަމަށެވެ.

ހޮނުއެޅުމުގެ މިހާދިސާގައި ބައެއް ގޭބިސީ ތަކުގެ ޓީވީ އާއި ފަންކާ އަދި ހޮޅިބުރި ފަދަ ތަކެއް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި މިއަދާ މާދަމާ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް މިއަދު މެންދުރުފަހުން ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެއިދާރާއިން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355